ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިޓާ ކުރުމަށް މޮނިކޮން އަމުރުގެ ދަށުން އެމީހުންގެ ފައިގައި އަޅުވާ "މޮނިކޮން ޓެގް" ހުސްވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން "މެއި ހައެއް" ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން، ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ފައިގައި އަޅުވަން ބޭނުންކުރާ ޓެގުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަފީފް ވިދާޅުވީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުވެސް، މޮނިކޮން ޓެގް ހުސްވެފައިވާކަން ފާހަގަ ކުރައްވާފައި ކަމަށެވެ.
"އެކަމަކު ވެސް މޮނިކޮން އަމުރު ނެރެފާއިވާ ފަރާތްތައް މޮނީޓާ ކުރާ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުނި،"
– އަފީފު
އަފީފް ވިދާޅުވީ މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ 100 ޓެގް ހޯދުމަށް އެއް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެއީ ސަރުކާރުން ނުކުރެވޭނެ ވަރުގެ ހަރަދެއް ނޫން ކަމަށެވެ.
އަފީފް ވިދާޅުވީ ބަޖެޓުގައި އެ އަދަދު ދޫކުރެވެން ނެތް ނަމަވެސް ކޮންޓިންޖެންސީ ބަޖެޓުން އެވަރުގެ އަދަދެއް ދޫކުރެވިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ އަދަދު ދޫކުރުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، މޮނިޓާ ކުރުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. މި އަމުރާ ހިލާފުވުމުގެ އަދަބަކީ 18 މަސް ދުވަހުގެ ޖަލުހުކުމެކެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަދުވަހުގެރޭ ދިން ހަމަލާއާއި ގުޅިގެން ފުލުހުން މިހާތަނަށްް 10 މީހެއް ހައްޔަރުކޮށްފައިވާއިރު، މައްސަލައިގެ ތަހުގީގު ނިންމައި 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީއޮފީހަށް ފޮނުވާފައެވެ. މީގެތެރެއިން މިވަގުތަށް ދައުވާކުރަން ހަމަޖެހިފައި ވަނީ 4 މީހެއްގެ މައްޗަށް ކަމަށް ޕީޖީ މީގެކުރިން ވަނީ ވިދާޅުވެފައެވެ.