ވެކްސިން ނުޖަހާ މީހުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފި

ވެކްސިން ނުޖަހާ މީހުން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފި

ކޯވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު މުއްދަތު ހަމަވުމުން ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަގީފު ވިދާޅުވީ، ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ފަރާތްތައް ކަރަންޓީންވާން ޖެހޭ ހާލަތްތަކުގައި، ކަރަންޓީން ފުރިހަމަކުރުމަށްފަހު ނަގާ ރިލީޒް ސާމްޕަލް ނެގުމަށް ފައިސާ ދައްކަން ޖެހޭ ކަނޑައަޅާފައި ވާކަމަށެވެ.

އަދި މިގޮތަށް އަމަލު ކުރަން ފަށާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިގޮތަށް ނިންމީ ވެކްސިން ޖަހާ މީހުންގެ ނިސްބަތް އަދިވެސް އެންމެ ބޭނުންވާ މިންވަރަށް އިތުރުނުވާތީ، ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުންކަމަށް ނަޒްލާ ވިދާޅުވިއެވެ. އެޗް.ޕީ.އޭގެ އުޞޫލުގައިވާގޮތުން ވެކްސިން ނުޖަހާ މީހުން ބަލި އުޅޭ ރަށަކުން ދަތުރުކުރާނަމަ ކަރަންޓީންވާންޖެހެއެވެ. އަދި އެފަރާތްތަކަށް ރަށުތެރެއަށް ނިކުމެވޭނީ ނެގެޓިވް ޕީ.ސީ.އާރް ޓެސްޓަކާއެކުއެވެ. ޑރ. ނަޒްލާ ވިދާޅުވީ، ކުރިއަށްއޮތްތާނގައިވެސް މި އުޞޫލު ދެމި އޮންނާނެކަމަށެވެ. އެހެންނަމަވެސް އަންނަމަހުން ފެށިގެން މިގޮތަށް ވެކްސިން ނުޖަހާ، ކަރަންޓީންވާ ފަރާތްތަކުން ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައިކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެކެއް ސެޕްޓެމްބަރުން ފެށިގެން މި ވެކްސިން ނުޖަހާ ފަރާތްތަކުން ދަތުރުކޮށްފައި، މި ނަގާ ސާމްޕަލްތައް އަމިއްލަ ހަރަދުގައި ނަގަން ޖެހޭ ގޮތަށް މި ވަނީ ހަމަޖެހިފައި"

– ޑރ. ނަޒްލާ

ވެކްސިން ނުޖަހާ ފަރާތްތަކުން ކަރަންޓީންވުމަށްފަހު އަމިއްލަ ޚަރަދުގައި ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭގޮތަށް ނިންމާފައިވާއިރު، އާބާދީގެ ނިސްބަތުން ވަކި ވަރަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުން ދަތުރުކުރާނަމަ އިތުރު ލުއިތަކެއްވެސް ދިނުމަށް އެޗް.އީ.އޯ.ސީން ވަނީ ނިންމަވާފައެވެ. އެގޮތުން %5 އަށްވުރެ ޕޮޒިޓިވިޓީ ދަށް ރަށްރަށުން ވެކްސިން ޖަހާފައި ތިބި މީހުން ދަތުރުކުރުމުގެ ކުރިން މިހާރު ހަދަންޖެހޭ ޕީ.ސީ.އާރް ޓެސްޓު އެކެއް ސެޕްޓެމްބަރުން ފެށިގެން ހަދާކަށް ނުޖެހޭނެއެވެ. މި ލުއި ދޭން ނިންމާފައިވަނީ 12 އަހަރުން މަތީގެ އާބާދީގެ %90 މީހުންނާއި، އެ ރަށެއްގެ 60 އަހަރުން މަތީގެ %95 މީހުން އަދި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއްނަމަ އެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ %95 މީހުން ވެކްސިން ކަވަރޭޖް ފުރިހަމަކޮށްފައިވާ ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަންނެހޭ ވެކްސިން ރާއްޖޭގެ މުޅި އާބާދީއަށް ޖެހުމަށް ސަރުކާރާއި ކަމާގުޅޭ ފަރާތްތަކުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ވެކްސިން ނުޖަހާ ފަރާތްތަކަށް ބައެއްކަހަލަ ކަންކަމުގައި ލުއިތަށް ނުލިބޭނެ ގޮތްތައްވެސް މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ރިލީޒް ސާމްޕަލަށް އަމިއްލައަށް ހަރަދުކުރުމާއި ސްކޫލްތައް ފަދަ ތަންތަނަށް ވެކްސިން ނުޖަހާ މީހުން ވަނުން މަނާކުރުންފަދަ ކަންކަން ފާގަހަކޮށްލެވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *