ޖާބިރު އުޅެނީ ބޮއިގެންނޫން، އޭނަ ދުނިޔެއިން މޮޔަކޮށްލީ މިސަރުކާރުން: މުސްތަފާ

ޖާބިރު އުޅެނީ ބޮއިގެންނޫން، އޭނަ ދުނިޔެއިން މޮޔަކޮށްލީ މިސަރުކާރުން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2021 11:54
0

ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަޖިލިސް ގޭކައިރީގައި މުޒާހަރާކޮށް ހަދާފައިވަނީ ބޮއިގެން ހުރެ ނޫންކަމަށާއި، އޭނާ ދުނިޔެއިން މޮޔަކޮށްލީ މިސަރުކާރުންކަމަށް ތުމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މަޖިލިސް ކައިރީގައި މުޒާހަރާ ކުރީ ކޮން ސަބަބާއި ހެދިކަމެއް ނޭގުނު ނަމަވެސް ޖާބިރު ބުނަމުންދިޔައީ އޭނާ މުޒާހަރާ ކުރަމުންދަނީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރުމުގެ ގޮތުންކަމަށެވެ. ޖާބިރު މުޒާހަރާ ކުރަމުންދާއިރު، އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އޭނާ ތެދުކުރުމަށް މަސައްކަތް ކޮށްފައެވެ.

ޖާބިރުގެ މުޒާހަރާއާއި ގުޅިގެން މުސްތަފާ ވިދާޅުވީ ޖާބިރުގެ އަތުގައި ހުރި ފައިސާތަކެއް ފަހުން ދޭނެކަމަށް ބުނެ އޮޅުވާލައިގެން އަތުލީ މިސަރުކާރުން ވެރިކަމަށް އައުމަށް ކަމަށެވެ. އެކަން ކުރީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއި، ރައީސް ޞާލިހުކަމަށް މުސްތަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު ޖާބިރު އުޅޭގޮތުން އޭނާ ބޮއިގެން ހުރިކަމަށް ދޭހަވިނަމަވެސް ޖާބިރު އުޅެނީ ބޮއިގެން ނޫންކަމަށެވެ. އޭނާ މޮޔަކޮށްލީ މިސަރުކާރުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މެމްބަރު ޖާބިރު އެއުޅެނީ ބޮއިގެނެއްނޫން. އޭނަ އަތުގައި ހުރި ފައިސާއެއް ފަހުން އޭނައަށް އޮޅުވާލައިގެން އޭނައަތުން ފޭރިގަތީ އިބްރާހިމް މުހައްމަދު ޞާލިހު އާއި އޭނާގެ ބައިވެރިން. އެހެންވެ ދުނިޔެއިން މޮޔަވީ.

– މުސްތަފާ ވިދާޅުވިއެވެ.

ޖާބިރުވަނީ އިއްޔެ ރައީސް މައުމޫންގެ ގެކޮޅު ކައިރިއަށް ގޮސް އެގެއަށް ގެއްލުންދީފައެވެ. މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގްވެސް ކުރަމުންނެވެ. ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު މިއަހަރުގެ ޖަނަވަރީ މަހު ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

ޖާބިރު ވިދާޅުވީ އެފައިސާ މައުމޫނު ނެންގެވީ “ޑިމޮކްރެސީ” ގާއިމުކުރުމަށް ޓަކައި ކަމަށެވެ. އަދި އަނބުރާ ދައްކާގޮތަށް އެފައިސާ ހަވާލޮކޮށްފައިވަނީ ރައީސް މައުމޫނުގެ އެދިލެއްވުމަށް މެލޭޝިއާގެ ޑަބަލް ޑްރީ ހޮޓެލްގައި ރައީސް މައުމޫންގެ ދަރިކަލުންނާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.