މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް: ދިޔާނާ

މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް: ދިޔާނާ

ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫން އަބްދުލް ގައްޔޫމު މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމުގައި ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ ފިރިކަލުން އަބްދުﷲ ޖާބިރު، އިއްޔެ ރައީސް މައުމޫންގެ ގެކޮޅަށް ގެއްލުންދިން މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނުމުންނެވެ. ދިޔާނާ ވިދާޅުވީ ރައީސް މައުމޫން، ޖާބިރުއަށް ދިން ގެއްލުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. ނަމަވެސް އެމައްސަލަ އެއްވެސް ވަރަކަށް ކުރިއަށް ނުދާކަމަށެވެ.

ރައީސް މައުމޫނަށް އެކި ކަންކަމުގައި ލިބިވަޑައިގަންނަވާ ގެއްލުންތަކުގެ މައްސަލަތައް ބާރަށް ހިނގާ ގޮތަށް، ރައީސް މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުންތައް ނުބެލޭ ގޮތަށް ކަންކަން ހަމަޖެހިފައި އޮތުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

ތިޔަ މައްސަލަ ބައްލަވާއިރު މައުމޫން ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަވެސް ބައްލަވަންވާނެ. މައްސަލަ ފުލުހުންނަށް ހުށަހެޅިތާ އެދުވަހެއް ވެއްޖެ. މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ވިއްޔާ ބެލިފަ، މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް.

– ދިޔާނާ ވިދާޅުވިއެވެ.

ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާ މައްސަލަ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު މިއަހަރުގެ ޖަނަވަރީ މަހު ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

ކިނބިގަސްދޮށުގެ ސަރަހައްދައް ވަޑައިގެން އެގޭގެ ދޮރުމާތީ ހައްދާފައިވާ ވެޔޮގަނޑަކަށް ޖާބިރު ގެއްލުންދެއްވަން މަސައްކަތްކުރައްވާ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދއުރުވި ވިޑިއޯގައި ކިނބިގަސްދޮށުގޭގެ ކުރިމަތީގައި ހުންނަވައިގެން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މައުމޫން ކިނބިގަސްދޮށުގެ މޯގޭޖްކުރުމަށްފަހު ޖާބިރުގެ އަތުން ނެންގެވި ލޯނު އަދާކޮށްފައި ނުވާތީ އޭނާ ހުންނެވީ އެގެއާ ހަވާލުވާން އައިސްކަމަށެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

ޖާބިރު ވިދާޅުވީ އެފައިސާ މައުމޫނު ނެންގެވީ “ޑިމޮކްރެސީ” ގާއިމުކުރުމަށް ޓަކައި ކަމަށެވެ. އަދި އަނބުރާ ދައްކާގޮތަށް އެފައިސާ ހަވާލޮކޮށްފައިވަނީ ރައީސް މައުމޫނުގެ އެދިލެއްވުމަށް މެލޭޝިއާގެ ޑަބަލް ޑްރީ ހޮޓެލްގައި ރައީސް މައުމޫންގެ ދަރިކަލުންނާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *