އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 19 މައްސަލައެއް ތަހުގީގް ކުރަން ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވީ އެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތައްކަމަށެވެ. އެގޮތުން އެފަދަ 78 މައްސަލައަކާއި ޖިނާޢީ މައްސަލައިގެ ގޮތުގައި 6 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. ޔާމީން ވިދާޅުވީ އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 57 މައްސަލަ ހުށަހަޅާފައިވަނީ މަައްސަލަ ހުށައަޅާ ފޯމް މެދުވެރިކޮށް ކަމަށެވެ. އަދި 27 މައްސަލަ ހުށަހަޅާފައިވަނީ ބަދަލު ހޯދުމަށް ހުށައަޅާ ފޯމް މެދުވެރިކޮށެވެ.
އޯގަސްޓްމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިންތިޤާލީ އިންސާފުގެ އޮފީހަށް ޖުމުލަ 84 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.