ކާށިދޫއާއި ގާފަރާ ދެމެދު ކޭބަލް ކާރު އެޅުމަކީ ވާނެކަމެއް ނޫނަކަމަށާއި، އެއީ ފީޒިބަލް ކަމެއްވެސް ނޫންކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ކާށިދޫގެ އެއަރޕޯޓް މަސައްކަތާއި، ކާށިދުއާއި ގާފަރުގެ ކޭބަލް ކާރުގެ މަޝްރޫޢުގެ ހުއްދައަކަށް މިނިސްޓްރީއަށް ހުށައެޅުމުން މިނިސްޓްރީގެ ޕްލޭންގެ ތެރޭގައި އެމަސައްކަތް ނުހިމަނުއްވަނީ ކޭއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
މެމްބަރު ޖާބިރުގެ މިސުވާލަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ އެމަސައްކަތަކީ އެމަނިކުފާނު މިނިސްޓަރަކަށް ހުންނަވައިގެން ހުއްދަދެއްވާނެ ކަމެއްނޫންކަމަށެވެ. އެއީ ފީޒިބަލް މަސައްކަތްތެނޫންކަމަށާއި، ކޭބަލް ކާރު މަޝްރޫޢުއަކީ ރާއްޖޭގައި ކުރެވިދާނެކަމެއްކަމަށް އެމަނިކުފާނަށް ގަބޫލުފުޅުވެސް ނުކުރެއްވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫންކަަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލެއް ނުކުރަން ހަމަ އެއްގޮތަކަށްވެސް، ހަމަބުއްދީގައި ހުރެ ޤަބޫލެއް ނުކުރަން، ކާށިދޫއިން އެއްވެސްތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީޒިބަލް ކަމެއްގެ ގޮތުގައެއް. ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭ މިޒާތުގެ މަސައްކަތް ކިތަންމެ ބާރަށް ދެއްކިކަމަށްވިޔަސް އެއީ ވާނެކަމެއްނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން މީ ވާނެކަމެއްކަމަކަށް، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްކަމަކަށްވެސް. އެހެންވީމަ އެކަން އަޅުގަނޑު ހަމަބުއްދީގަ ހުރެގެން. ވަޒީރަކަށް އަޅުގަނޑު ހުންނަނީ އަޅުގަނޑުގެ ޒިންމާ އަދާކުރުމަށް.
-ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރގެ މިވާހަކަފުޅައި ގުޅިގެން ޖާބިރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ ޕެރިހުން ލަންޑަނަށް އެކަން ކުރާއިރު ރާއްޖޭގައި އެކަން ނުކުރެއްވޭނެކަމަށް ވިދާޅުވެ އެކަން އޮޅުވާނުލެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. މިއާއެކު މިނިސްޓަރ އަސްލަމް ވިދާޅުވީ މިއީ ޕެރިސް ނޫންކަމަށެވެ. އަދި އެެއީ ރާއްޖޭގައި ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫންކަމަށް މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

"އަޅުގަނޑުގެ ހަމަބުއްދިއަށް ނުވިސްނެނީއޭ އެއީ ފީޒިބަލް ކަމެއްގެ ގޮތުގަ. އަދި ވާނެކަމެއްގެ ގޮތުގަވެސް. ކުރަން ހެޔޮވާވަރުގެ ކަމެއްގެ ގޮތެއްގަވެސް."
-ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް
މިނިސްޓަރގެ ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސިޔާސީ ބޭފުޅުންގެ ގޮތުގައި ތިއްބަވާއިރު ދައްކަވާ ވާހަކަފުޅަށް ވިސްނަވާލެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.
"ތަކުރާރުކޮށް ވާންކުރި ކަންކަމާއި ކުރަން ހެޔޮވާވަރުގެ ކަންކަމާއި ކުރަން ހެޔޮނުވާވަރުގެ ކަންކަން އަލިގަނޑުމެން ސިޔާސީ ބޭފުޅުންގެ ގޮތުގައި ތިބެ ދައްކާއިރު އެކަންކަމާ ވިސްނާލުމަށް."
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ކާށިދުއާއި ގާފަރު ކޭބަލް ކާރަކުން ގުޅާލާ، ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގެ ކެމްޕެއިން ދުވަސްވަރު އެދާއިރާއަށް ވެވަޑައިގެފައިވާ ވަޢުދެކެވެ.
ކޮމެންޓު ފޮނުވާ