ނަޝީދަށް ހަމަލާދިން މައްސަލާގައި 4 މީހެއްގެ މައްްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވައިފި

ނަޝީދަށް ހަމަލާދިން މައްސަލާގައި 4 މީހެއްގެ މައްްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 12:23
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވައިފިއެވެ.

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިސްކޮށް ހަރަކާތްތެރިވި 4 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަކަމަށެވެ. ނަމަވެސް ދައުވާކޮށްފައިވަނީ ކޮން 4 މީޙަކަށް ކަމެއް ސީޕީ ހާމަ ނުކުރައްވައެވެ.

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް 2 ޖަހާއިރު ޕްރެސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީޖީ އޮފީހުން ނޫސްވެރިންނާއި ބައްދަލުކުރުމަށް ނިންމާފައިމިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ތިން މީހުން ދޫކޮށްލަން އަމުރު ކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 40 ދުވަސް ވަންދެން ބަންދުކޮށްފައިވާއިރު، އިތުރު ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީއެވެ. އެ މީހުންގެ ބަންދު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޟީ ހަސަން ސައީދު ނިންމެވީ އެކަށީގެންވާ ހެކި ނެތުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ. އެމީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާކަން ޕީޖީ ވަނީ ކުރިން ހާމަކުރައްވާފައެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން 5 މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަވަރު ހާމަކުރި މީހުންނަކީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދު، އަހުމަދު ފާތިހު އަދި އަލީ ހައިޝަމެވެ. މި މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.