ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅާއި ބައިވެރި ނުވާނެކަމަށް އެމްއާރުއެމްއިން އަންގައިފި

ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅާއި ބައިވެރި ނުވާނެކަމަށް އެމްއާރުއެމްއިން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 12:02
0

ވެރިކަން ކުރަމުންދާ ކޯލިޝަނުން ވަކިވެ، އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި ބައިއަތު ނުހިފާނެކަމަށް ރައީސް މައުމޫންގެ އެމްއާރުއެމްއިން އިދިކޮޅު ކޯލިޝަނަށް އަންގައިފިއެވެ.

މިނިވަންކަމުގެ ދިފާޢުގައި – ދިވެހީން، ނަމުގައި ޤައުމީ ކެމްޕެއިނެއް އިދިކޮޅު ކޯލިޝަނުންވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިފްތިތާޙުކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ އަޅުވެތިކަމުން ސަލްމާތްކޮށް ރާއްޖޭގެ މިނިވަން ދިފާޢު ކުރުމަށް ކެރިގެން މަސައްކަތް ކުރުމަށް އެމްއާރުއެމްއަށް ފޮނުވި ދައުވަތު ގަބޫލުނުކޮށް، މިއަދު ވަނީ އެމްއާރުއެމްއިން އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީއަށް ޖަވާބު ދީފައެވެ.

އެމްއާރުއެމްގެ ތަރުޖަމާން އަލީމް ވިދާޅުވީ އެމްއާރުއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިއެއްކަމަށެވެ. އެމްއާރުއެމްއިން ޤައުމުގެ މަސްހަލަތާއި ސިޔާދަތު ގެއްލޭފަދަ ކަމެއްގައި ބައިއަތު ހިފައިގެން އިދިކޮޅާއިއެކު ބައިއަތު ހިފަންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށް ވަނީ ބުނެފައެވެ.

އެމްއާރުއެމްއަކީ މިހާރު އޮތް ސަރުކާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް. އެހެން ކަމުން އެމްއާރުއެމް މިހާރުއޮތް ކޯލިޝަނުން ވަކިވެގެން، ޤައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށް ޕީޕީއެމް ޕީއެންސީއަށް އަންގާފައިވާކަމަށެވެ.

– އަލީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އެމްއާރުއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޤައުމުގެ މިނިވަން ކަން ގެއްލިގެން ހިނގައިދާނެ އެތައް ކަމެއް މިއަދުގެ ސަރުކާރުން ކުރަމުން ގެންދާއިރު، އެކަންކަމަށް އެއްވެސް އެއްޗެއް ނުބުނެ ތިބުމަކީ އެކަމުގައި ބައިވެރިވެ، އެކަމަށް ހިތްވަރު ދިނުން ކަމުގައި އިދިކޮޅު ކޯލިޝަނަށް ފެންނާތީ، މިވަގުތު ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް އެންމެ ބޮޑު އަސަރެއް ކުރުވާނެ ކަމަށް މިކޯލިޝަނަށް ފެންނަ ކަންކަމާއި މެދު ރައީސް މައުމޫން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކޮށްދެއްވުން އެދޭކަމަށެވެ.

އޮޅުންފިލުވުމަށް އެދިފައިވާ ކަންކަމުގެ ތެރޭގައި:

1. ޤައުމުގެ ހަރުމުދާ ވިއްކާ، ދައުލަތުގެ ކުންފުނިތަކުގެ އެންމެ އިސް މަޤާމުތަކަށް ބޭރުގެ ފަރާތްތައް އިސް ކުރަމުން ގެންދާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އަސަރު ފޯރަނީ ކިހާވަރަކައްތޯ؟

2. ކަންކަން ނިންމުމުގައި ވަކި ޤައުމަކަށް ބަރޯސާވާން ޖެހޭ ގޮތަށް އެއް ޤައުމަކުން ލޯނު ނަގާ އެ ޤައުމަކަށް ދަރަނިވެ ހަރުމުދާ ވިއްކަންޖެހޭ ހިސާބަށް ޤައުމު ވެއްޓިގެން ދާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ކުރާނީ ކިހާވަރެއްގެ އަސަރެއްތޯ؟

3. ބޭރުގެ ފަރާތްތަކާއި އެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސް ވުން ތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކިހާވަރެއްގެ އަސަރެއް ކުރާނެތޯ؟
ހަމައެއާއެކު މިކޯލިޝަންގެ ފަރާތުން އިފްތިތާޙުކޮށްފައިވާ "މިނިވަންކަމުގެ ދިފާޢުގައި – ދިވެހީން" ޤައުމީ ކެމްޕެއިންގައި މަނިކުފާނާއި މަނިކުފާނުގެ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ވަނީ ދީފައެވެ.

އިދިކޮޅު ކޯލިޝަނުން މިހަރަކާތުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް އެއްވެސް ޕާޓީއަކުން ދައުވަތު ގަބޫލުކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.