ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފިއެވެ.
ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މުއިއްޒު ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު މިއަދުގެ އަޑުއެހުންވަނީ ނިންމާލާފައެވެ. ނޫމަޑި މައްސަލާގައި މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 25 ޖޫން 2019 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ. ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ، މުޢިއްޒުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒުވަނީ ފުލުހުގެ އިދާރައަށްވެސް ހާޒިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.
ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.
އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.
ކޮމެންޓު ފޮނުވާ