މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން އިތުރުވަމުންދާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ހާޒިރުވުމަށް މިއަދު ވަނީ އަންގާފައެވެ. މަރުކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުވުމަށް ދަންނަވާފައިވަނީ މ.ޝަނިންސްޓަރ އަހުމަދު ރިޞުވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. ރައީސް ޔާމީން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
މިކަމާގުޅޭގޮތުން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ފެއިލްވެ ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ވަރަކަށް ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަށް ދަނީ އިތުރުވަމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ ސަރުކާރުން ދައްކާ ސިޔާސީ ބިރަކަށް ފަހަތަށްޖެހި ވަޑައި ގަންނަވާނެ ބޭފުޅެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން މިދަނީ އިތުރުވަމުން. ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން. ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
މަރުކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި، ކޮމިޝަނާއި މެދު ރައްޔިތުން ސުވާލު އުފެއްދުމުން އައްޑަނައަކާށް ރައީސް ޔާމީން ހައްދަވާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކުން މިހާތަނަށް މާބޮޑު ނަތީޖާއެއް ނެރެވިފައިނުވާއިރު، ކޮމިޝަން އުވާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ގޮވާލާފައެވެ. އަދި ކޮމިޝަނަކީ ހަމައެކަނި މުސާރަނަގާ ކޮމިޝަނެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގްކުރާ ކޮމިޝަނަށް މިހާތަނަށް 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެތެރެއިން 3.8 މިލިއަން ރުފިޔާއަކީ އެކޮމިޝަންގެ މެންބަރުންގެ މުސާރައާއި އެލަވެންސްއެވެ.