ދެވަނަ ދައުރަކަށް، ހަމާސްގެ ލީޑަރެއްގެ ގޮތުގައި އިސްމާއިލް ހާނިޔާ އިންތިޚާބު ކޮށްފި

ދެވަނަ ދައުރަކަށް، ހަމާސްގެ ލީޑަރެއްގެ ގޮތުގައި އިސްމާއިލް ހާނިޔާ އިންތިޚާބު ކޮށްފި

Author
ހުސެއިން
01 އޮގަސްޓް 2021 08:32
0

ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައި ދެވަނަ ދައުރަކަށް، އެ ޖަމާއަތުގެ މިހާރުގެ ލީޑަރ އިސްމާއިލް ހާނިޔާ އިންތިޚާބު ކޮށްފި ކަމަށް، ފަލަސްތީނުގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފިއެވެ.

"އަޚު އިސްމާއިލް ހާނިޔާވަނީ، ޙަރަކާތުގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފަ،" ރޮއިޓާސްއަށް މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވެފައި ވެއެވެ. އިސްމާއިލް ދެވަނަ ދައުރަކަށް ހަމާސްގެ ލީޑަރެއްގެ ގޮތުގައި އިންތިޚާބު ވެގެން ދިއުމުން، އޭނާގެ ދެވަނަ ދައުރު ނިމިގެން ދާނީ އިތުރު 4 އަހަރު ފަހުންނެވެ.

2017 ވަނަ އަހަރުން ފެށިގެން ހަމާސް ޖަމާއަތުގެ ލީޑަރުގެ ގޮތުގައި ހުންނަވަމުން ގެންދަވާ ހާނިޔާ ގެންދަވަނީ، އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ހިގަމުންދާ ތަފާތު ހަގުރާމަތަކުގައިވެސް، ހަމާސް ޖަމާއަތުގެ ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްދައުރު އަދާ ކުރައްވަމުންނެވެ. މީގެ ތެރޭގައި، ފާއިތުވެދިޔަ މޭމަހު އިސްރާއީލާ ހަމާސް ޖަމާއަތާ ދެމުދެ ކުރިޔަށް ދިޔަ 11 ދުވަހުގެ ހަމަލާ ބަދަލުކުރުންވެސް ހިމެނެއެވެ.

މިހަމަލާ ބަދަލު ކުރުންތަކުގައި ފަލަސްތީނުގެ 250 މީހުން ޝަހީދުވެ، އިސްރާއީލުގެ 13 މީހަކު މަރުވެފައި ވެއެވެ.

އިސްމާއީން ހާނިޔާއަކީ، 2004 ވަނަ އަހަރު ގާޒާގައި އިސްރާއީލުން ޝަހީދު ކޮށްލާފައިވާ، ހަމާސްގެ ބާނީ ޝެއިޚް އަހުމަދު ޔާސީންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. ޝަހީދު ކޮށްލެވުނުއިރު، ޝެއިޚް ޔާސީން ދިރިއުޅުއްވަމުން ގެންދެވީ ފުރޮޅުލީ ގޮޑީގައެވެ.

2006 ވަނަ އަހަރު ހަމާސް ޖަމާއަތް ފަލަސްތީނުގެ ސިޔާސީ މަސްރަހަށް ވަނުމުގައި އެންމެ މުހިންމު ދައުރެއް އަދަކޮށްފައިވަނީ، އުމުރުން 58 އަހަރުގެ ހާނިޔާއެވެ. އެއަހަރު ބޭއްވުނު ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބުގައި، މަހުމޫދު އައްބާސްގެ ލީޑަޝިޕްގައި އޮތް، އެހެންނަމަވެސް، ބައިބައިވެފައި އޮތް ފަތަޙަ ޖަމާއަތް ހައިރާން ކުރުވަނިވި ގޮތަކަށް ބަލިކޮށް ހަމާސް ޖަމާއަތުން ކާމިޔާބު ހޯދިއެވެ.

އަދި 2006 ވަނައަހަރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ފަލަސްތީނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިސްމާއިލް ހާނިޔާ ވަޑައިގަތެވެ. އެހެންނަމަވެސް، އިސްރާއީލުންނާއި، އެމެރިކާއިންނާއި އަދި ޔޫރަޕިއަން ޔޫނިއަންއިންވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަޑައަޅާފައިވާ ހަމާސް ޖަމާއަތުގެ ލީޑަރަކީ ފަލަސްތީނުގެ ބޮޑުވަޒީރުކަމުގައި ބައިނަލްއަގުވާމީ މުޖުތަމަޢުން ބަލައެއް ނުގަތެވެ.

އަދި އެއަށްފަހު، ކުޑަ ދުވަސްކޮޅަކަށް ކުރިޔަށްދިޔަ އަހުލީ ހަގުރާމާގައި ހަމާސް ޖަމާއަތުން، މަހުމޫދު އައްބާސްގެ ފަތަހަ ޖަމާއަތުގެ ކިބައިން ގާޒާ ހިފާ، އެ ސިޓީގައި އަމިއްލަ ވެރިކަމެއް ގާއިމް ކޮށްފައިވެއެވެ.

އެއަށްފަހު 2007އިން ފެށިގެން، ފަލަސްތީން އޮތޯރިޓީގެ ނަމުގައި ވަކިވެރިކަމެއް ކުރަމުންދަނީ، ހިފާފައިވާ ހުޅަގު އައްސޭރީގައި މަހުމޫދު އައްބާސްގެ ފަތަޙަ ޖަމާއަތުންނެވެ.

އަދި 2007 ވަނަ އަހަރުން ފެށިގެން ހަމާސްގެ ނުރައްކަލުން ސަލާމަތްވުމުގެ ނަމުގައި، އިސްރާއީލުންވަނީ ގާޒާ ސްޓްރިޕް އެއްގަމު މަގުންނާއި ކަޑުގެ މަގުން ބަންދު ކޮށްފައެވެ.

އިސްމާއިލް ހާނިޔާ ހަމާސް ޖަމާއަތުގެ ލީޑަރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފައިވަނީ، އެޖަމާއަތުގެ އެތެރޭގެ އިންތިޚާބެއްގައެވެ. އަދި އެ ޖަމާއަތުގެ އެތެރޭގެ އިންތިޚާބުގައި ގާޒާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޔަހުޔާ އަލް-ސިންވާރު ވަނީ މިއަހަރުގެ މާރޗްމަހު އިންތިޚާބު ކޮށްފައެވެ.

އިތުރު މަގާމްތަކަށް މީހުން އައްޔަން ކުރުމަށްޓަކާ ބާއްވަންޖެހޭ ވޯޓުތައް ލަސްކުރަން ޖެހުނީ، މޭމަހު ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ހަނިއްޔާ..ލިޔެބަލަ ހާނިޔާ އަކީ ބައްޔެއް..