ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފިއެވެ.
2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ރާއްޖެއިން ބިޑްކުުރިކަން އިޢުލާންކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ބައްސާމް ވިދާޅުވީ މިއަހަރު ބާއްވަން ހަމަޖެހިފައިއޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން މިހާރު ރަސްމީކޮށް ބިޑްކޮށްފައިވާކަމަށަށެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ކުރިޔަށްގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ދެއްވާ އެއްބާރުލެެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޯވިޑް-19ގެ ހާލަތު މިދިޔަ އަހަރު ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީއެވެ. ކޮވިޑްގެ އުނދަގޫ ހާލަތާ އެކު ސްޕޮންސަރުން ލިބުނު ދަތިވުމާއި ސަރުކާރުގެ އެއްބާރުލުން އެންމެ ރަނގަޅަށް ނުލިބުމުން ބަންގްލަދޭޝުން މުބާރާތް ނުބާއްވަން ނިންމީ އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ރާއްޖޭގެ އިތުރުން ދެން ބިޑްކުރީ ނޭޕާލުންނެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑްކުރަން ރާއްޖެއިން އެންމެ ފުރަތަމަ ވިސްނީ ލަންކާއާއި ގުޅިގެން މުބާރާތް ހޯސްޓް ކުރާށެވެ. ނަމަވެސް ފަހުން އެވިސްނުން ދޫކޮށް ހަމައެކަނި ރާއްޖޭގައި މުބާރާތް ހޯސްޓް ކުރަން ބިޑްކުރަން ނިންމީއެވެ. މީގެކުރިން 2008 ވަނަ އަހަރު ރާއްޖެއިން ވަނީ ލަންކާ އާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެފަހަރު ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ރާއްޖެއަށް ފުރުޞަތު ލިބިއްޖެނަމަ މިއަހަރު ރާއްޖޭގައ ބައިނަލްއަޤްވާމީ ދެ މުބާރާތް އޮންނާނެއެވެ. އެއީ މިމަހު ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބިފައިއޮތް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް ހިމަނައިގެންނެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވަން މިހާރު ޝެޑިއުލްކޮށްފައިއޮތީ އޮކްޓޯބަރ މަހަށެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައެވެ. އެފަހަރު އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއެވެ.