ޕްރޮޑިއުސާ އެކްތާ ކަޕޫރާއި ޖޭ ޝެވަކްރަމާނީ އެކުގައި އުފައްދާ ފިލްމް "ފްރެޑީ" ގެ ލީޑް ރޯލަށް ކާތިކް އާރިޔާން ސޮއިކޮށްފިއެވެ.
އޭނާއާ ގުޅުވައިގެން މި ފިލްމްގެ ވާހަކަތަށް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ޝަޝާންކާ ގޯޝްގެ ޑައިރެކްޝަނަށް ހަދާ "ފްރެޑީ"ގެ ޝޫޓިންގ މިއަދު ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ.
ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ކަޕޫރު ޕްރޮޑިއުސް ކުރި ފިލްމެކެވެ.
"ފްރެޑީ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާތިކް ބުނެފައިވަނީ އޭނާ އަބަދުވެސް ތަފާތު ރޯލެއްގެ އިންތިޒާރުގައި ހުންނަ ކަމަށާއި މި ފިލްމުގައި ވެސް ތަފާތު ގޮތަކަށް އޭނާ ފެނިގެން ދާނެކަމަށެވެ.
ކާތިކް ސޮއިކޮށްފައިވާ، ޓެލަގޫ ފިލްމު "އާލާ ވައިކުންތުޕުއްރަމުލޫ"ގެ ހިންދީ ރިމޭކަކީ ވެސް އެކްތާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ އެކްޓަރ ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.
ކާތިކް އަތުގައި މިހާރުވެސް ގިނަ ޕްރޮޖެކްޓަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަނީސް ބަޒްމީގެ "ބޫލް ބޫލައްޔާ 2″ ހެންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" އާއި ސަމީރު ވިދުވަންސްގެ، ނަން ބަދަލުކުރަން ނިންމާފައިވާ ފިލްމު "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެއެވެ. އޭނާ ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ފެންނާނީ މިހާރު މަސައްކަތްތައް ނިމިފައިވާ، ރާމް މަދުވާނީގެ ފިލްމު "ދަމާކާ" އިންނެވެ.