ވިލިމާލޭގެ ރައްޔިތުނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފި

ވިލިމާލޭގެ ރައްޔިތުނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފި

Author
މުޙައްމަދު ޖިމީ
30 ޖުލައި 2021 10:46
0

މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ޕާކިންގ ޒޯނެއް މާލޭގައި ހަދައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި މި ޕާކިންގ ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައެވެ.

އަލަށް ތަރައްޤީކުރި މި ޕާކިންގ ޒޯން ގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވެއެވެ. މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެއެވެ. ބާކީ 5 ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށެވެ.

މިތަނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. ޖާގަ ދޫކުރުމުގައި ޢަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިންގ ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށްކަމަށާއި، އެގޮތުން މި ޒޯން ވެސް ޚާއްޞަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީ އަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭބަޔަށްކަމަށާއި، މިކަމަށް އެދި ހުށަހަޅާއިރު އައި.ޑީ.ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެއެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750.00 ރުފިޔާ ނެގުމަށެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1500.00 ރުފިޔާނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑް–19 ގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000.00 ރުފިޔާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ

ވިލިމާލެ އަކީ އާއްމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.