އޮލިމްޕިކްސްގައި މިހާތަނަށް ހަތަރު ފަހަރު ރަން މެޑަލް ހާސިލްކޮށްފައިވާ އެމެރިކާގެ އެންމެ ވިދުންގަދަ ޖިމްނާސްޓިކް ތަރި ސިމޯން ބައިލްސް ޓޯކިޔޯ އޮލިމްޕިކްސް މުބާރާތުން ވަކިވެއްޖެއެވެ.
އެމެރިކާގެ ތާރީހް ދުށް އެންމެ ކާމިޔާބު ޖިމްނާސްޓިކް ކުޅުންތެރިޔާ އިންޑިވިޖުއަލް އިވެންޓްތަކުގެ ފައިނަލްގައި ވާދަނުކުރަން ނިންމި އިރު އޭނާ ވަނީ އިއްޔެ އޮތް ޖިމްނާސްޓިކް ޓީމް އިވެންޓްގެ ފައިނަލުންވެސް އެއްފަރާތްވެފަ އެވެ. ޓީމް އިވެންޓްގެ ފައިނަލްގައި ބައިލްސް ވާދަނުކުރި ނަމަވެސް އޭނާ ވަނީ ޓީމްގެ ކުޅުންތެރިންނަށް ސަޕޯޓްކުރުމަށްޓަކައި ފައިނަލް ކުޅުނު ތަނަށް ހާޒިރުވެފަ އެވެ. އެ އިވެންޓުން އެމެރިކާގެ ޓީމަށް ލިބުނީ ރިހި މެޑަލް އެވެ.
މިފަހަރުގެ އޮލިމްޕިކްސްގެ ޖިމްނާސްޓިކް އިންޑިވިޖުއަލް ފަސް އިވެންޓަކުން ފައިނަލްގެ ޖާގައެއް މިހާރުވެސް ކަށަވަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ބައިލްސް ފައިނަލްތަކުގައި ވާދަ ނުކުރަން ނިންމީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.