ނަޕޯލީ މޮޅުވެ ތާވަލުގެ ކުރިޔަށް

ނަޕޯލީ މޮޅުވެ ތާވަލުގެ ކުރިޔަށް

Author
އިބްރާހީމް ސާޢިދު
25 އޮކްޓޯބަރ 2020 11:09
0

އިޓާލިއަން ސެރިއާގައި ނަޕޯލީ އެޓީމު ކުޅުނު މެޗު ކާމިޔާބު ތާވަލުގެ ކުރިޔަށް ޖެހިލައިފިއެވެ. ނަޕޯލީ މެޗު ކާމިޔާބުކުރީ ބެންވެންޓޯ އާއި ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.

ރަށުން ބޭރުގައި ނަޕޯލިން ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ބެންވެންޓޯއިންނެވެ. ބެންވެންޓޯއިން ލީޑު ނެގީ ފުރަތަމަހާފްގެ 30 ވަނަ މިނިޓުގައި ރޮބާޓޯ އިންސިގީ ކާމިޔާބުކުރި ލަނޑުންނެވެ. މިލަނޑަށްފަހު ނަޕޯލިން ވަނީ ފުރަތަމަ ހާފްގައި ފަހު މިނިޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަޕޯލީގެ ކޮސްޓަސް މޮނަލާސް ފޮނިވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ނަޕޯލިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 60 ވަނަ މިނޓުގައި ލޮރެންޒޯ އިންސިގީގެ ލަނޑުންނެވެ. މެޗުން ނަޕޯލީ މޮޅުވި ލަނޑު ކާމިޔާބުކޮއްދިނީ ފުރަތަމަލަނޑު ޖެހިތާ ހަތްމިނިޓުފަހުން އަންދްރޭ ޕެޓަގްނާއެވެ. ރޭ އިޓާލިއަން ސެރިއާގައި ޕާމާ އާއި ސެޕީޒިޔާ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ދެލަނޑު ސެޕީޒިޔާއިން ކާމިޔާބު ކުރިއިރު ފަހު ދެލަނޑު ޕާމާއިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ އެއްވަރުކުރި ލަނޑު ޕާމާއިން ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތުވެސް އެންމެ ފަހު މިނިޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ.

މި ނަތީޖާއެކު ނަޕޯލީ ވަނީ 11 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.