ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޕީޖީ ގްރޫޕަކީ މާބޮޑު މަޝްވަރާތަކެއްގެ މަތީން ކަންކަން ކުރާ ތަނެއް ނޫންކަމުގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީގެ ޕީޖީ ގްރޫޕުން އަމަލު ކުރަމުންދާ ގޮތާއި ގުޅޭގޮތުން ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ސަރުކާރުން ބިލްތައް ފޮނުވާއިރު، ސަރުކާރުން ޕީޖީ ގްރޫޕާއި މަޝްވަރާ ނުކުރާކަމަށް ވިދާޅުވާއިރު، ޕީޖީ ގްރޫޕަކީ މަޝްވަރާގެ އުސޫލުން ކަންކަން ކުރާ ތަނެއްނޫންކަމަށެވެ.
ޕީޖީ ގްރޫޕުގެ މެމްބަރުންގެ ފެށުނީއްސުރެއް އޮތް އެންމެބޮޑު ކަންބޮޑުވުމަކީ މެމްބަރުންނާއި މާބޮޑު މަޝްވަރާތަކެއް ނުކޮށް، ވޯޓު ނަގަން 30 މިނިޓަށްވުމުން ޕީޖީ ގްރޫޕް ބާއްވައި ވަކި ވަޔަކު ބޭނުންވާ ގޮތަށް ކަންކަން ނިންމާތީ އޮތް ކަންބޮޑުވުންކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޑިމޮކްރަޓިކް އުސޫލުން ކަނަކްން ކުރަންޖެހޭ ގޮތެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ޕީޖީ ގްރޫޕާއި މަޝްވަރާ ނުކުރާކަމަށް ވިދާޅުވާއިރު، ސަރުކާރުން ބިލެއް ހުށަހަޅައިގެން މެމްބަރުން ބޭނުންވާ ކޮންމެ ފަހަރަކު އެބިލަކާއި ގުޅުންހުރި ވަޒީރުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ޕީޖީ ގްރޫޕާއި ބައްދަލުކޮށް މައުލޫމާތު ދެއްވާކަމަށެވެ. ނަމަވެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް ބޭނުންވާ އުސޫލުން ކަންކަން ނުދާކޮންމެ ފަހަރަކު ސަރުކާރުން މަޝްވަރާ ނުކުރާކަމަށް ވިދާޅުވެ ވާހަކަ ދެއްކުމަކީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއްނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ މިއަދު ހިންގަމުންދާ އުސޫލު ވަރަށް ބޮޑަށް ބަދަލު ކުރަންޖެހޭކަމަށެވެ. ޚާއްސަކޮށް، ވަކި މީހަކު ބޭނުންވާ ގޮތަށް، ވަކި މީހަކު ރުހޭގޮތަށް ނޫން ގޮތަކަށް އުޅޭނަމަ އެއީ އެމްޑީޕީ މީހެއްނޫންކަމަށްބުނެ ދައްކާ ވާހަތަކާއި، ވަކި މީހަކީ އެމްޑީޕީކަމަށް ދެއްކުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭކަމަށެވެ. ރޮޒޭނާ ވަނީ ރައީސް ޞާލިހުއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި، ރައީސް ނަޝީދު ދައްކަވާ ވާހަތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.
One Response
ބަލަ ރަސްގެފާނު އަންގަވާ ގޮތައް ކަންތަކުރީމާ ނިމުނީ