2017 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި 2009 ގެ ހިންދީ ފިލްމު "ޗާންދުނީ ޗޮކް ޓު ޗައިނާ"ގައި ވަރުގަދަ އެކްޝަން ރޯލެއް ކުޅުނު ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން ކުރިއަށްއޮތް ފިލްމު "ޕަތަން"ގައި ވެސް ކުޅެނީ އެކްޝަން ރޯލެއް ކަމަށް ރިޕޯޓްތަށް ބުނެފި އެވެ.
2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު "ޕަތަން" އަކީ ޝާހްރުކް ޚާން ބޮޑު ސްކްރީންއަށް އެނބުރި އައުން ފާހަގަ ކުރާ ފިލްމުގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ ފިލްމެކެވެ.
ރިޕޯޓްތަށް ބުނާގޮތުގައި މި ފިލްމުގައި ދީޕިކާ ފެނިގެންދާނީ މީގެ ކުރިން ނުފެންނަ ފަދަ ވަރުގަދަ އެކްޝަން ރޯލަކުންނެވެ. މި ފިލްމުގެ ޝޫޓިންގ މިދިއަ އަހަރު ފެށިނަމަވެސް ކޯވީޑްގެ ސަބަބުން ޝޫޓިންގ މެދު ކެނޑުމަށްފަހު މިދިއަ މަހު އަލުން ވަނީ ޝޫޓިންގ ފަށާފަ އެވެ.
ފިލްމުގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. މީގެ އިތުރުން ސުޕަސްޓަރ ސަލްމާން ޚާން ހާއްސަ ފެނިލުމެއްވެސް ފިލްމުގައި ހިމެނޭނެ އެވެ.
އަންނަ އަހަރު ފިތުރު ޢީދުގައި އެޅުވުމަށް ތައްޔާރު ވަމުންދާ މި ފިލްމުގައި ޔޫރަޕު ގައުމުތަކުގައި ނެގުމަށް ހަމަޖެހިފައިވާ މަންޒަރުތަށް ނެގުމަށް ތަރިންނާއި ކުރޫ އަންނަ މަހު ޔޫރަޕަށް ފުރާނެކަމަށް މައުލޫމާތު ލިބެއެވެ.
ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ނުނިންމާ އޮތް "83″ އާއި މިހާރު ޝޫޓިންގ އަށް ތައްޔާރުވަމުން އަންނަ "ފައިޓާ" އާއި "ދި އިންޓާން" ހިމެނެ އެވެ.