އިނޑޮނޭޝިއާގެ ސިނަބަންގ އަލިފާން ފަރުބަދަ އަންގާރަދުވަހު، ބޯ ދުމާއި އަޅި ޖަވުގެތެރެއަށް ބޭރުވެ، ގޮވަން ފަށައިފިއެވެ.
އިންޑޮނޭޝިއާގެ ލޯކަލް ޖިއޮލޮޖިކަލް އޭޖެންސީން މައުލުމާތު ދީފައިވާ ގޮތުގައި، މި އަލިފާން ފަރުބަދައިން ކަޅު ދުމާއި އަދި އަލިފާން އަޅި، 12 މިނިޓްވަންދެން ބޭރުވަމުން ގޮސްފައިވެއެވެ.
"އަލިފާން ފަރުބަދައިން ބޭރުވަމުންއައި އަޅިއާއި ކަޅުދުން 4،500 މީޓަރު އުހަށް، ޖައްވުގެ ތެރެއަށް ދަތުރު ކޮށްފައިވޭ، އަދި ގިނަ އިރުތަކެއް ވަންދެން މިތަކެތި ފަރުބަދައިން ބޭރުވަމުން ގޮސްފައިވޭ،" ސިނަބަންގ މޮނިޓަރިން ޕޯސްޓްގެ އިސްވެރިޔާ އާމަން ޕުޓްރާ އޭއެއްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
ލޯކަލް ޖިއޮލޮޖިކަލް އޭޖެންސީން އާންމު ކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި، ފަރުބަދައިގެ މެދުން، ބޯ ކަޅު ދުން އަރަމުންދާ މަންޒަރު ފެނިފައިވެއެވެ. މި އޭޖެންސީން ބުނެފައިވަނީ، ފަރުބަދައިން އެރި މިދުން 1000 މީޓަރު ދުރަށް ދަތުރު ކޮށްފައި ވާކަމަށެވެ.
މި ފަރުބަދައިން ބުރައިގެން ދިޔަ އެތިއެތި ކޮޅުތައް، އެންމެ ކައިރީގައި އޮތް ވިލެޖާއި ހަމައަށް ފޯރާފައި ނުވާތީއާއި އަދި ފަރުބަދަ ގޮވަން ފެށުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ފްލައިޓްގެ ދަތުރުތަކަށް ބުރޫ އަރާފައި ނުވާތީ، މި އަލިފާން ފަރުބަދައާއި ކައިރީގައި ދިރިއުޅެމުން ދިޔަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ރަސްމީ ފަރާތްތަކުން އަންގާފައެއް ނުވެއެވެ.
އެހެންނަމަވެސް އޮތޯރިޓީތަކުން ވަނީ، މި އަލިފާން ފަރުބަދައިގެ އެންމެ އެތެރެއާއި ހިސާބުން ފެށިގެން 5 ކިލޯމީޓަރުގެ ސަރަހަދަށް ނޭރުމަށް މީހުންނަށް ނަސޭހަތްތެރި ވެފައެވެ. އަދި މި ސަރަހައްދަކީ، މިފަރުބަދައިގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރުވަމުން ގޮސްފައިވާތީ، މީހުން އެއްގޮތަކަށްވެސް ދިރިއުޅޭ ސަރަހައްދެއް ނޫނެވެ.
2,460 މީޓަރު އުސް، ސިނަބަންގ އަލިފާން ފަރުބަދަ އެއްވެސް ހަރަކާތެއް ނެތި އެތައް ސަތޭކަ އަހަރެން ވަންދެން ހުރުމަށްފަހު، މިފަރުބަދަ ގޮވަން ފަށާފައިވަނީ 2010 ވަނަ އަަހަރުއެވެ. އެއަހަރު މި ފަރުބަދަ ގޮވުމުގެ ސަބަބުން 2 މީހަކު މަރުވެފައި ވެއެވެ.
އަދި އޭގެ ފަހުން 2013 ވަނަ އަހަރުވެސް މި ފަރުބަދަ ގޮވާފައި ވެއެވެ. އޭގެފަހުން މިފަރުބަދަ ހުންނަނީ ވަރަށް ހަރަކާތްތެރި ފަރުބަދައެއްގެ ގޮތުގައެވެ. ޖެހިގެން އައިއަހަރު މިފަރުބަދަ ގޮވުމުގެ ސަބަބުން 16 މީހަކު މަރުވެފައި ވެއެވެ. އަދި 2016 ވަނައަހަރުގެ ގޮވުމުގެ ސަބަބުން 7 މީހަކު މަރުވެފައި ވެއެވެ.
މި އަލިފާން ފަރުބަދަ ހުންނަނީ، "ރިންގ އޮފް ފަޔަރ"ގެ މަތީގައެވެ. ރިންގ އޮފް ފަޔަރއަކީ، ޕެސިފިލް ކަޑު ވަށާ އޮންނަ ޓެކްޓޯނިކް ޕްލޭޓް ބައުންޑަރީތަކުގެ ބެލްޓެކެވެ. މި ސަރަހައްދަކީ، ބިން ކެމުމާއި އަލިފާން ފަރުބަދައިގެން ހަރަކާތްތައް ގިނަ ސަރަހައްދެކެވެ.
ކޮމެންޓު ފޮނުވާ