ދިރާސީ އާ އަހަރު ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން ސްކޫލަށް ހާޟިރުވާންޖެހޭ ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަސް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މީގެ ކުރިން އޮތީ ޓީޗަރުންނާއި، މުވައްޒިފުންވެސް އަންނަ މަހުގެ 2 ވަނަ ދުވަހު ސްކޫލުތަކަށް ނިކުންނަންޖެހޭ ގޮތަށް ކަނޑައަޅާފައެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާސީ ކަލަންޑަރުގައި ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން (އެކަޑަމިކް ސްޓާފުން) ސްކޫލަށް ނިކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 އޯގަސްޓް 2021 އެވެ. ނަމަވެސް، މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައި މަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަޑަމިކް ސްޓަފުންގެ އަހަރީ ޗުއްޓީއަށް 2 ދުވަސް އިތުރުކޮށް، ރަސްމީކޮށް އެ މުވައްޒަފުން ސްކޫލަށް ނިކުންނަންޖެހޭ ދުވަހަކީ 5 އޯގަސްޓް 2021 ކަމުގައި ނިންމާފައިވާކަމަށެވެ.
އެހެންކަމުން ސްކޫލުތަކުގެ ހުރިހާ މުވައްޒަފުންވެސް މަތީން ދިރާސީ އާ އަހަރު ފެށުމުގެ ކަންކަން މިތާރީހަށް ބަލައިގެން ރޭއްވެވުމަށް ވަނީ ދަންނަވާފައވެެ.
އީދު ޗުއްޓީއާ ގުޅިގެން އަންނަމަހުގެ 1 ވަނަ ދުވަހާއި ހަމައަށް ސަރުކާރުވެސް ވަނީ ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ