ކައުންސިލް ޕްލޭންތަކުގައި، ހެޔޮލަފާ އިންސާނަކު ބިނާކުރުމުގެ ޕްރޮގްރާމްތައް ހިމެނުން މުހިންމު: ޝަހީމް

ކައުންސިލް ޕްލޭންތަކުގައި، ހެޔޮލަފާ އިންސާނަކު ބިނާކުރުމުގެ ޕްރޮގްރާމްތައް ހިމެނުން މުހިންމު: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
28 ޖުލައި 2021 08:44
0

ކައުންސިލްތަކުގެ ޕްލޭންތަކުގައި، ހެޔޮލަފާ އިންސާނަކު ބިނާކުރުމުގެ ޕްރޮގްރާމްތައް ހިމެނުމަކީ މިއަދު ރާއްޖެއިން ފެންނަމުންދާ ކަންކަމަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމުގައި ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރާއި، ދީނާއި ދުރު ކަންކަން އާންމުވަމުންދާ މިހާލަތުގައި ޑރ.ޝަހީމް ގެންދަވަނީ ދީނީ ގޮތުން އޮންނަ ރަނގަޅު މަގުގައި ދެމިތިބުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވަމުންނެވެ. އަދި މިމަސައްކަތުގައި ސަރުކާރުން އެއްބާރުލުން ބޭނުން ކަމުގައިވާނަމަ އެކަމުގެ ފުރިހަމަ އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ.ޝަހީމް ވިދާޅުވީ ރަށްރަށާއި އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގައި ތަރައްޤީގެ ޕްލޭންތަކުގައި މިއަދުގެ މުޖުތަމައުގެ ތެރެއިން ފެނިގެންދާ ނުރަނގަޅު އާދަތަކުން މީހުން ދުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެކެން ކުރެވޭނީ ކައުންސިލްތަކުގެ ޕްލެއިންގައިވެސް މިކަމަށް ޚާއްސަ އިސްކަމެއް ދެވިގެންކަމަށެވެ. ކައުންސިލްތަކުގެ ޕްލައިންގައި ހެޔޮ ލަފާ އިންސާނަކު ބިނާކުރުމަށް ޕްރޮގްރާމްތައް ރަސްމީކޮށް ހިމެނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރަށްރަށާއި އަތޮޅުތަކާއި ސިޓީ ކައުންސިލްތަކުގައި ތަރައްޤީގެ ޕްލޭންތަކުގައި ހެޔޮ ލަފާ އިންސާނަކު ބިނާކުރުމަށް ޕްރޮގްރާމްތައް ރަސްމީކޮށް ހިމެނުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދެކެން. ޒުވާނުންގެ މެދުގައި އިސްލާމީ ރިވެތި އަޚުލާޤު އާލާކޮށް ދިރުވަން ޕްލޭން ކުރުމަކީ ކުށް މަދު، މަސްތުވާ ތަކެއްޗާ ދުރު މުޖުތަމަޢެއް ބިނާވުމަށް އެހީވާނެކަމެއް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ކަމުގައި ޑރ.ޝަހީމް ވަނީ އިއްޔެ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރުން ސަލާމަތްވުމަށް ކުރުން އެންމެ ރަނގަޅު މަސައްކަތަކީ އިސްލާމީ ތަރަހައިގެ ތެރެއިން ދީނީ ގޮތުން އެކަން އޮންނަ ގޮތް ބުނެދީ ކިޔައި ދިނުންކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް އިސްލާމީ ތަރަހައިގެ ތެރެއިން އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ، މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ހަރުކަށިވެފައިވާ 1400 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިއަދު ނުކޮށްފިނަމަ ރާއްޖެ އަނބުރާ ނުހޯދޭނެ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

މިފަހުން ސަރުކާރުން ވަނީ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ހަރުކަށި ފިކުރު ނައްތާލުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ހައްޔަރުކޮށް، ބައެއް އިލްމުވެރިންނަށް ދީފައިވާ ހުއްދަތައްވެސް ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސަ
ތިޔައީ 100 ޕަސެންޓް ތެދުފުޅެއް ކައުންސިލްތެރޭގައި މަސައްކަތް ހިނގާ ނުހިނގާ ގޮތްބެލުމާ ކަން ކަންކުރުމަށް ހެޔޮލަފާދޭނެމީހަކު ކައުންސިލަރުންގެތެރޭގައި ހުރުމަކީ ކޮއްމެހެން ކުރަންޖެހޭކަމެކެވެ އަދި މިކަމަކީ މީގެ5 އަހަރުކުރިން އަޅުގަނޑު ވެރިންނަށް ހުށައަޅާފައިވާނޭ ކަމެކެވެ ނޫނީ ކައުނސިލުގެ ބޭރުން ހެޔޮލަފާދިނުމާ އޮފީސް ސްޕަވައިޒް ކުރާނޭ މީހަކުގެ އިތުރު ވަޒީފާއެއް ހަމަޖައްސަންޖެހެއެވެ