ޒިޔާދާގެ މަރުގެ މައްސަލާގައި ހުކުމްކުރި ޝާހު މޭމަތީގައި މަހަކުން ޖެހި މަރުވެއްޖެ

ޒިޔާދާގެ މަރުގެ މައްސަލާގައި ހުކުމްކުރި ޝާހު މޭމަތީގައި މަހަކުން ޖެހި މަރުވެއްޖެ

Author
ޢަލީ އާދަމް
25 އޮކްޓޯބަރ 2020 10:04
0

ތިނަދޫގައި މަހަށް ނިކުމެ އުޅެނިކޮށް ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ދައުވާކުރި އިބްރާހިމް ޝާހު މަހަކުން މޭމަތީގައި ޖެހި ލިބުނު އަނިޔާއެއްގައި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހިމް ޝާހު އެވެ. މިހާރު އެނާ ގޮވައިގެން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ދިއުމަށް ދަނީ ދަތުރުކުރަމުންނެވެ. ޝާހު އަކީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް ޝަރީއަތުގައި ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލު ހުކުމް އިއްވާފައިވާ މީހެކެވެ.

ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެއްވެސް ކޮށްފައެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހުރިހާ ޝަރީޢަތްތަކެއް ވަނީ ސިއްރު ކޮށްފައެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ޒިޔާދާގެ މަރާ ގުޅިގެން 2016ވަނަ އަހަރު ފުލުހުން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަނީ އަނިޔާ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.