ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ނިމިދިއުމަށްފަހު ދިވެހިން ޑިމޮކްރަސީގެ މުޅިން އާ ފަތިހަކަށް ހޭލީ 2008ވަނަ އަހަރުއެވެ.
17 އަހަރުން ވުޖޫދުވި ނޫގާނޫނު އަސާސީ މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު، ވެރިކަން ކުރުމަށްޓަކާ ރިޔާސީ ނިޒާމެއް ވުޖޫދުކޮށް، އެރިޔާސީ ނިޒާމުގައި ވެރިކަންކުރާނެ އޮނިގަޑެއްކަމުގައި، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމެއް އެކަށައަޅާ، މިއަދު ދިވެހިން ބަލައިގެންފައިވާ މަޝްހޫރު ފެހި ގާނޫނު އަސާސީ ވުޖޫދުވީ 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ.
އެހެންކަމުން، މީގެ 13 އަހަރު ކުރިން ދިވެހިން ބަލައިގަތް މިގާނޫނު އަސާސީން އެކަށައެޅި މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މުހިންމު މުވައްސަސާތައް ކަމުގައި ވެގެން ގޮސްފައިވަނީ ވެރިކަން ކުރުމަށްޓަކާ އުފައްދާ ސިޔާސީ ޕާޓީތަކެވެ.
ނަތީޖާއެއްގެ ގޮތުން، ޑިމޮކްރަސީގެ ޅަފަތުގައި ދިވެހިން ކުރަމުން މިދާ ދަތުރުގައި، ފާއިތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، ވެރިކަމުގެ ހުވަފެންތައް ދެކެވަޑައިގެންނެވި އެތަކެއް ބޭފުޅުންނެއް އިސްވެ ތިއްބަވައިގެން، އެތަކެއް ސިޔާސީ ޕާޓީތަކެއް ވުޖޫދުވެގެން ގޮސްފައި ވެއެވެ. އަދި ހަމަ އެފަދައިން، ވުޖޫދުވި ގިނަ ޕާޓީތަކެއް، ޕާޓީތައް އުފެއްދެވި ބޭބޭފުޅުންގެ ވެރިކަމުގެ ހުވަފެންތައް ބިލާހަކަށް ވެގެން ދިޔަ ހިސާބުން، ވުޖޫދުން ފޮހެވިގެންވެސް ގޮސްފައި ވެއެވެ.
މީގެތެރޭގައި، މިސާލެއްގެ ގޮތުން، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ވެެގެން އައިދުވަސްކޮޅު، އުފެދިގެން އައި، އޭރު ސިޔާސީ މަސްރަހުގައި އިސްކޮށް އުޅުއްވަމުން ވަޑައިގެންނެވި ޑރ. ހަސަން ސައީދު އިސްވެ ހުންނަވާ އުފެއްދެވި ދިވެހި ގައުމީ ޕާޓީއާއި، މިހާރުވެސް ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާ އުމަރު ނަސީރު އުފެއްދެވި އައިޑީޕީ ފާހަގަ ކޮށްލެވެ.
ހަމަ މި ބީދައިން، ދިވެހިން ކުރަމުން މިދާ ޑިމޮކްރަސީގެ ހަލަބޮލި، އަދި ޅަފަތުގެ މިދަތުރުގައި، ގަދަކަޑުގައި ހިފަހައްޓަމުންދާ މަދުނަމަވެސް ސިޔާސީ ޕާޓީތަކެއް ވާކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެން އޮތީ 3 ސިޔާސީ ޕާޓީއެކެވެ. އެއީ 2005ވަނަ އަހަރު އުފެއްދި އެމްޑީޕީއާއި، ހަމަ އެއަހަރު އުފެއްދި އަދާލަތު ޕާޓީއާއި 2008 ވަނަ އަހަރު އުފެއްދި ޖުމުހޫރީ ޕާޓީއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިހާރު 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާއިރު، ދެންހުރި ގިނަ ސިޔާސީ ޕާޓީތަކަކީ، އޭގެ ކުރިން ހިގަމުން އައިސްފައިވާ ސިޔާސީ ޕާޓީތަކުގެ ބަޑުން ވިހެއި ސިޔާސީ ޕާޓީތަކެއް ކަމުގައި ދެންނެވިދާނެއެވެ. މާނައަކީ، އެ ސިޔާސީ ޕާޓީތަކަކީ، އޭގެ ކުރިން އުފެދުނު ބައެއް ސިޔާސީ ޕާޓީތަކުގެ އެތެރޭގައި އުފެދު ބޮޑެތި ހަމަނުޖެހުންތަކާއި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ވުޖޫދުވެގެން އައިސްފައިވާ ސިޔާސީ ޕާޓީތަކެވެ.
އާ ސިޔާސީ ޕާޓީތައް ވުޖޫދުވާން ފެށުން
ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އިންތިހާއަށް ހަލަބޮލި ކޮށެވެ. ސިޔާސީ މަސްރަހުގައި އޮތް ދެކޮޅުވެރިކަމާއި، ފިތުނަ ފަސާދައިގެން ބޮޑުކަމުން، ސިޔާސީ ޕާޓީތައް މިނިވަންކަމާއެކު ހަރަކާތްތެރި ވާން އެކަށީގެންވާ މާހައުލެއް އޭރަކު ނެތެވެ. ސަބަބަކީ، އޭރު ވެރިކަން ކުރަމުން އައި ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއްގެވެސް ލީޑަރުން ތިއްބެވީ ޖަލު ބަންދުގައި ނުވަތަ އަރުއްވާލެއްވިގެންކަމަށް ވާތީއެވެ.
އަދި އޭރުގެ ހަގީގަތަކީ، ރައީސް ޔާމިން ފިޔަވާ ކުރިޔަށް އޮތް ދައުރަށް ވެރިކަމުގެ ހުވަފެން، އެހެން އެއްވެސް ލީޑަރަކަށް ދުށުމުގެ ފުރުސަތެއްވެސް އެރަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން، ސިޔާސީ މަސްރަހަށް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތެއް ހަމަ އެއްވެސް މިންވަރަކަށް ޕީޕީއެމްގެ ވެރިކަމުގެ ދައުރުގައި ލިބިގެން ގޮސްފައެއް ނުވެއެވެ.
އެހެންނަމަވެސް، ދައުރު ބަދަލު ވުމަށްފަހު، ސިޔާސީ ހަލަބޮލިކަން ގައުމުގައި އޮތްކަމުގައިވި ނަމަވެސް، ސިޔާސީ ތަފާތު ފިކުރުގެ ބޭބެފުޅުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހި ވެއްޖެއެވެ. ނަތިޖާއެއްގެ ގޮތުން، ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާންފެށި އެއްކަމަކީ އާސިޔާސީ ޕާޓީތައް ވުޖޫދުކުރުމަށް ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދެންފެށި ޝައުގިވެރިކަމެވެ.
ނަތީޖާއެއްގެ ގޮތުން މިހާރުވެސް އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ 10 ސިޔާސީ ޕާޓީގެ އިތުރަށް، އިތުރު 4 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރެވެމުން އެބަ ދެއެވެ.
މީގެތެރެއިންވެސް އެންމެ ބޮޑަށް ފާގަހަ ކޮށްލެވެނީ، ކުރީގެ ޑިފެންސް މިނިސްޓަަރ، އަދި މިހާރުގެ ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްވެ އިސްހުންނަވާ، އުފައްދެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީއެވެ. ސަބަބަކީ، މިޕާޓީ ވުޖޫދުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލުހުގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައިގެން ކަމަށްވާތީއެވެ.
މިގޮތުން، މީގެތެރޭގައި މިހާރުގެ މަޖިލިހުގެ 5 މެމްބަރަކު ތިއްބެވިއިރު، ރައްޔިތުންގެ މަޖިލިހުގެ އިތުރު ދެ މެމްބަރަކު ނާޒިމް އުފައްދާ އެމްއެންޕީއާއި ގުޅިވަޑައިގެންފި ނަމަވެސް، އެޕާޓީ ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ވެގެން ދާނެއެވެ.
އެހެންކަމުން މިއަދުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުންދާ ޕާޓީތަކަށް ބަލާއިރު، އަދި ސިޔާސީ މަސްރަހުގައި ކުރެވެމުންދާ މަސައްކަތްތަކާއި، އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، އެމްއެންޕީއަށް ރައްޔިތުންގެ މަޖިލިހުގައި އޮތް ދައުރު ފުޅާވެގެން ދިއުމަކީ، ފަހަކަށް އައިސް އުފެދިފައިވާ އާ ސިޔާސީ ޕާޓީތަކަށްވުރެ އެމްއެންޕީގެ ސިޔާސީ ބުރަދަން ހުރިހާ ގޮތަކުންވެސް އިތުރު ވެގެންދާނެ ކަމެއްކަމުގައި ގަބޫލުކުރަން ޖެހެއެވެ.
އެމްއެންޕީ އާ އުއްމީދަކަށް ވެދާނެތަ؟
މޯލްޑިވްސް ނެޝަނަލް ޕާޓީ ވުޖޫދުވެގެން އަންނަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދަނޑިވަޅެއްގައެވެ. އެއީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރު ދެބައިވެ، އެމްޑީޕީގެ އެތެރޭގައި ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކެއް ހިގަމުންދާ ދަޑިވަޅެއްގައިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ހަމަ އެއާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްވެސް ދެން އޮތީ މަދު ދުވަސްކޮޅެއްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.
ހަމަ އެފަދައިން، އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް ޔާމިން އަދިވެސް ހުންނެވި ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ކުރެވޭ އިތުރު ތުހުމަތުތައް، މިހާރުވެސް ތަހުގީގު ކުރެވެމުން ދާތީވެ، ގިރާ ކުރައްވަން ޖެހިވަޑައިގަންނަވާ ގޮންޖެހުންތަކަށް ބަލާއިރު، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވުމަކަމީ ވުމަަށްވުރެ ނުވުން ގާތްތަކަމެއްކަމުގައި ދެކެންޖެއެވެ.
ނަތީޖާއެއްގެ ގޮތުން، މިދަނޑިވަޅަކީ، މިހުރިހާ ސަބަބުތަކާހުރެ، ޕީޕީއެމްގެ ތެރޭގައިވެސް، ފެކްޝަންތައް ނުރަސްމީ ހައިސިއްޔަތުން ނަމަވެސް އުފެދެމުން، ސިޔާސީ ކޯލުންތައް އެޕާޓީގެ ތެރެއިންވެސް ފެންމަތިވަމުން އަންނަ ދަޑިވަޅެކެވެ.
އެހެންކަމުން، ކާނަލް ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ އެމްއެންޕީއަކީ ހުރިހާ ގޮތަކުން ބެލި ކަމުގައިވިނަމަވެސް، ކުރިޔަށް އޮތްތަނުގައި، ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން ފުރުސަތުތަކެއް ލިބިގެން ހިގައިދާނެ ޕްލެޓްފޯމެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ.
އަދި ހަމައެއާއެކު، ސިޔާސީ ގޮތުން އެމްޑީޕާއި އަދި ޕީޕީއެމްއާއިވެސް ފިކުރުގެ ގޮތުން ޚިޔާލުގެ ތަފާތުކަންހުރި އެތައްބަޔަކު ސިޔާސީ މަސްރަހުގައި މިއަދުވެސް ތިބިއިރު، އަދި ޖުމުހޫރީ ޕާޓީ ސިޔާސީގޮތުން އެއްވެސް މިންވަރަކަށް ހަރާކާތްތެރި ވަމުންނުދާ ދަޑިވަޅެއްގައި، އަލަށް އުފެދޭ، ސިޔާސީ ގޮތުން ބުރަދަނެއް ހުރި ޕްލެޓްފޯމެއް ވުޖޫދުވެގެން އައުމަކީ، އާތަޖުރިބާއަކާއެކު، އާ ލީޑަޝިޕެއް ޓެސްޓު ކޮށްލުމަށް އޮތް ރަގަޅު ފުރުސަތެއްގެ ގޮތުގައިވެސް ގިނަބަޔަކު ދެކެމުންދެއެވެ.
ހަރުދަނާ ލީޑަރޝީޕެއް މުހިންމު
ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއެކުވެސް، ކޮންމެ ސިޔާސީ ޕާޓީއެއްވެސް ކުރިޔަށް ދިއުމުގައި ހަރުދަނާ ލީޑަރޝިޕެއް މުހިންމު ވާނޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
އަދި ރާއްޖޭގެ ފާއިތުވެދިޔަ ތަނުގައި އުވިނުގޮސް، މިއަދާހަމައަށް ފޯމެދުން އައިސްފައިވަނީވެސް، ޕާޓީތަކުގެ މެމްބަރުންނާއި ގުޅުން ބޮޑު، ފުޅާ ދާއިރާއެއްގައި ސިޔާސީ ހަރާކާތްތައް އެޕާޓީތަކުން ހިންގާ، ޕާޓީ ޕްލެޓްފޯމުގައި ހަރުދަނާ ލީޑަރޝިޕް ދައްކާފައިވާ ޕާޓީތައްކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.
މިގޮތުން، ސިޔާސީ ޕާޓިތަކުގެ ރޭހުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާއިތުވެދިޔަ ތަނުގައި ކުރިއެރުން ހޯދާފައިވަނީ، ޕާޓީތަކުގެ ތެރެއިން ފަހަތުން އަރަމުން އަންނަ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، ސިޔާސީ މަސްރަހަށް ނިކުތުމުގެ ފުރުސަތު އެޕާޓީތަކުގެ ތެރެއިން ގިނަބަޔަކަށް ތަނަވަސް ކޮށްދިން ޕާޓީތައް ކަމީވެސް، ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުގެ ކުރު މާޒީއަށް ނަޒަރެއް ހިންގާލުމުން ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މިގޮތުން، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާއިރު، އުފެދުމަށްފަހު، ހިންގާނެ ސިޔާސީ ހަރާކާތެއް ނެތި، ވަޅުޖެހިފައިވާ އެތަކެއް ސިޔާސީ ޕާޓީތަކެއް މިއަދުވެސް ފެންނާން އެބަހުއްޓެވެ. ނަތީޖާއަކަށް ވެގެންދަނީ، މިޕާޓީތައް އުފެއްދުމުގައި، ނުހަނު އުއްމީދާއެކު އެތައްބަޔަކު މަސައްކަތް ކުރިކަމުގައިވި ނަމަވެސް، އަދާކުރާނެ މަސްއޫލިއްޔަތެއް ނެތުމުން، ހިންގާނޭ ސިޔާސީ ހަރަކާތެއް ނެތުމުން، މެމްބަރުން އެޕާޓީތަކާއި ދުރަށްގޮސް ޕާޓީތައް ވަޅުޖެހިގެން ދިއުމެވެ.
މިގޮތުން މިހާރުވެސް، އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކޮންގްރެސް ނުބޭއްވި، އުވިގެންދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާޓީތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާއިރު، މިހުރިހާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އަލަށް އުފެދޭ ސިޔާސީ ޕާޓީތައް ރަގަޅު ގޮތުގައި ހަރަކާތްތެރި ވެއްޖެނަމަ، އެޕާޓީތަކަށް ފުރުސަތު އޮންނާނޭ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ރަގަޅު ލީޑަޝިޕެއް ދެއްކި، ސިޔާސީ ހަރަކާތްތައް ހިންގާ، ތަފާތު ޚިޔާލުގެ ގިނަބަޔަކަށް އުޅެވޭވަރުގެ ސިޔާސީ ޕްލެޓް ފޯމެއް ސިޔާސީ މަސްރަހުން އުފަން ވެއްޖެނަމަ، ބަދަލުވަމުންދާ ސިޔާސީ މަސަރަހުގައި އެ ޕްލެޓްފޯމަކަށް މުސްތަގުބަލް އޮންނާނޭ ކަމީވެސް، މާޒީގެ ތަޖުރިބާތަކަށް ބަލާއިރު، މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.