ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސްނަގައިގެން މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ މަޖިލީހަށް ވައްދަނީ އިދިކޮޅު ކޯލިޝަންއާއި، މިނިވަން މެމްބަރުންނާއި، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެވެސް ތާއީދާއިއެކުގައެވެ. މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޕާލިމަންޓް މެމްބަރު ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ މިމައްސަ ވެއްދުމަށް ހަމަކުރަންޖެހޭ ވޯޓް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.
ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ. އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ