ދީނުގެ ނަމުގައި ހިންގާ ހަރުކަށި ފިކުރު ތަކާއި ދީނަށް ފުރައްސާރަ ކުރުމަކީ ހަމައެކަނި ގާނޫނީ ފިޔަވަޅަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނުގެ ނަމުގަިއ ހިންގާ ހަރުކަށި ކަމާއި ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެ މައްސަލަ ކަމަށެވެ.
މި ދެ މައްސަލައިގެ އޮތް ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަޞްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަމަށެވެ. އެހެންނަމަވެސް މިހާރު މި އަސާސްތަކާ މުޅިން ޚިލާފަށް އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ވަރަށް ފާޅުގައި ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖުތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މި ދެ ކަމަކީ ވެސް އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެ މައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި މިކަމަށް އަލިއަޅުއްވާލާފައި މިވަނީ އަދުގެ ސަރުކާރުން ހަރުކަށިފިކުރާއި ޓެރަރިޒަމަށް ތާޢީދުކުރާކަމަށް ސަރުކާރުހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުންގެންދާ ދަނޑިވަޅެއްގަ އެވެ. އޭގެ އިތުރުން ސަރުކާރުގެ ފަރާތުން އެމްޑީޕީން މަޖިލީހަށް ވައްދާފައިވާ ނަފްރަތުގެ ބިލާއި ދެކޮޅުވެރިވާ އެއްވެސް ފަރާތަކަށް ތާޢީދު ނުކުރައްވާނެ ކަމަށްވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުން ނެވެ.
ގާނޫނުލް އުގޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ މި ބިލަށް ސަރުކާރުގައި ހިމެނޭ އެމްޑީޕީނޫން އެއްވެސް ޕާޓީއަކުން ތާޢީދެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ