ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބާއްވަން ނަޝީދު އެދިވަޑައިގެންފި

ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބާއްވަން ނަޝީދު އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
25 ޖުލައި 2021 09:46
0

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މި މެސެޖް ނަޝީދު ފޮނުއްވީ މަޖިލީސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށެވެ. މަޖިލީހުގެ ތިން މެންބަރަކު ވަނީ އެފަދަ ހުށަހެޅުމެއް ރައީސް ނަޝީދު ހުށަހެޅުއްވިކަން ޚަބަރު އޮންލައިން އަށް ކަށަވަރުކޮށްދެއްވާފައެވެ.

ހަމަލާއަށްފަހު ބޭސްފަރުވާ ހޯއްދެވުމަށް މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އެގޮތަށް އެދިވަޑައިގަތީ އެ މަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ކަންކަމާ ގުޅިގެންނެވެ. ފުލުހުން ރޭ ހާމަކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނޭގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައި ވެއެވެ.

14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. މިހާރު މަޖިލީހުގެ ތިންބައިކުޅަ ދެބަައި މެންބަރުންނަކީ 29 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.