ޑިމޮކްރަސީގެ ތެރެއިން ކުއްލި ހާލަތަކީ، ޤައުމަށް ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުގައި އިއުލާންކުރަން އޮންނަ އެއްޗަކަށްވާއިރު، މިހާލަތަކީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާންވީ ވަގުތު ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި، މިހާރު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ޤަރާރު ހުށަހައްޅުއްވަމުން ރައީސް ނަޝިދު ވިދާޅުވީ މިއީ ދިވެހި ފުލުހުންނަށް ހަރުކަށި ފިކުރު މީހުން ހައްޔަރު ކުރަން ޖާގަދޭންވީ ވަގުތުކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީގައާއި، އަދި ހައްދު ފަހަނައަޅާ ދިޔަ ޤައުމުތަކުގައިވެސް ކަންކަން ބޮއްސުން ލައިގެން ގޮސްފައިވަނީ މިގޮތަށް ފެށޭ ކަންކަން ހުއްޓުމަށް އެކަށީގެންވާ މަސައްކަތް ނުކުރުންކަމަށެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖެ އޮތް ހާލަތު ދިވެހި ފުލުހުންނަށް ސާފުވެ، ހަރުކަށި މީހުންނަކީ ކޮބައިކަން އެނގޭއިރު، އެމީހުން ހިފާ ހައްޔަރު ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާލަތުގައި، ހަރުކަށި ފިކުރާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތް ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މުސްތަގުބަލަށް މިކަމުން ނޭދޭވޭ ބޮޑެތި އަސަރުތައް ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭ ފުލުުންގެ ޕްރެސްގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ފުލުހުންނަށް ރާއްޖޭގައި އޮތް ހަރުކަށި ފިކުރު ނައްތާލުމަކީ ކުރެވޭނެކަމެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ބޭނުންވަނީ އެކަމަށް ކުޑަ ވަގުތުކޮޅެއްކަމަށާއި، މިއީ އެވަގުތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު އެމަނިކުފާނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދެއްކެވިއިރު، އެމަނިކުފާނުގެ މޫނުމަތިން ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަޖެހިލައިގެން އިދެ މެމްބަރުންނާއި މުޚާތަބު ކުރެއްވިތަނެވެ. ރައީސް ނަޝީދުވަނީ މިޤަރާރު ޕާޓީން ފާސްކޮށް، ސަރުކާރަށް ހުށަހެޅުމަކީ މިވަތު ކޮންމެހެން މުހިންމުކަމެއްކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަޤްސަދެއްގެ ގޮތުގައި މިހާތަނަށް ހޯދިފައި ވަނީ މާލީ މަންފާއަކަށްވުރެ، ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް އަމިއްލައަށް ނެރުނު ހުކުމްތަކާއި ފަތުވާތަކުގެ އެހީގައި ލޭ ހުއްދަކޮށް، ދީނީ ހަރުކަށި ފިކުރުގެ މީހުން ހިންގި އަމަލެއް ކަން ކަމަށެވެ.