މިނިވަންކަަމަށް ކުރި ދަތުރު: އެމަސައްކަތުން އިބުރަތް ހޯދަންޖެހޭ!

މިނިވަންކަަމަށް ކުރި ދަތުރު: އެމަސައްކަތުން އިބުރަތް ހޯދަންޖެހޭ!

ގުޅުންހުރި

މިއަދަކީ ދިވެހި ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެއެވެ. މިނިވަންކަމަށް 56 އަހަރު ފުރުމުގެ އުފާވެރި މުނާސަބާ ފާހަގަ ކުރަމުންދާއިރު، ދިވެހިންގެ ހިތްތަކުގައި މިނިވަންކަމަށް ކުރި ދަތުރުގެ ހަނދާންތައް އާކޮށް، އެދަތުރުން ގިނަ ޢިބްރަތްތަކެއް މިވަނީ ހާސިލް ކުރަންޖެހިފައެވެ. މިނިވަންކަމަކީ ހަމައެކަނި ކަނޑިބަޑީގައި އަރާ ހަނގުރާމަކޮށްގެން ނޫނީ ގެއްލިގެން ނުދާނެ އެއްޗެއްކަމަށް މީގެކުރިން ދެކުނު ނަމަވެސް މިއަދު މިވަނީ ޒަމާނާއި ހާލާތާއިއެކު މިކަންކަން ބަދަލުވެފައެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އިނގިރޭސީންގެ ހިމާޔަތުން ނެއްޓި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިގެން ދިޔުމާއި ގުޅިގެންނެވެ.

1887 ވަނަ އަހަރު ދިވެހި ޤައުމަށް ޙިމާޔަތްދިނުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ސޮއިކުރީ ސިލޯނުގައެވެ. އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން ސޮއިކުރެއްވި މުއާހަދާ އާއި އެކު 1965 ވަނަ އަހަރާއި ހަމައަށް ރާއްޖެ އޮތީ މިއެެއްބަސްވުމުގެ ދަށުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ.

ދިވެހި ޤައުމު ދިވެހިންގެ ބިމެއްގެ ގޮތުގައި އޮތްނަމަވެސް، މި އެއްބަސްވުމާއިއެކު ރާއްޖެއިން އެހެން ޤައުމުތަކާއިމެދު ބާއްވާ ގުޅުންތަކާއި، އަދި ރާއްޖޭގެ ދަޢުލަތް ހިނގުމުގައިވެސް އިނގިރޭސީންގެ ރުހުން ހޯދަން ޖެހުނެވެ. މި ނިންމުމަކީ ރާއްޖެއަށް އެހެން ޤައުމަކުން އަތުވެދާނެ ކަމަކުން ނުވަތަ ޙަމަލާއަކުން ރައްކާތެރިކުރުމަށް އޭރު އެޅުއްވި އެންމެ މުހިންމު ފިޔަވަޅެވެ. އަދި އެ އެއްބަސްވުން ހެދީ ރާއްޖޭގެ ދީނާއި ދާޚިލީ އެއްވެސް ކަމަކަށް އިނގިރޭސީން ނުބެހޭ ގޮތަށެވެ.

އެއްބަސްވުމާއި އެއްގޮތަށް އިނގިރޭސީންގެ ބަޔަކު ރާއްޖެ އައިސް އެކި ގޮތްގޮތުން ރާއްޖެއަށް ޙިމާޔަތްދިނުމުގެ ނަމުގައި މަސައްކަތް ކުރިއެވެ. ނަމަވެސް ދިވެހިންގެ މުހިންމު ނިންމުންތަކެއްގައި އިނގިރޭސީން ބަސް ބުނަމުންދިޔަކަށް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. ހަމަ މިދުވަސްވަރު 100އަހަރަށް އައްޑޫން 110 އޭކަރުގެ ބިމެއްވެސް އިނގިރޭސިން ކުއްޔަށްނެގިއެވެ.

އިނގިރޭސީންގެ ޙިމާޔަތުގައި 73 އަހަރު އޮތުމަށްފަހު އެއްބަސްވުން އަލުން އައު ކުރުމަށް މަޝްވަރާކޮށް، އެއްބަސްވުން އާކޮށްފައި ވަނީ 1960ވަނަ އަހަރުގެ ފެބްރުއަރީ 14ވަނަ ދުވަހުއެވެ. ނަމަވެސް މި އެއްބަސްވުމުގައި ދިވެހިން އެދެމުން ދިޔަގޮތަށް ބައެއް ލުއިތަށް ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ޤައުމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ކުރީގެ އެއްބަސްވުމާއި އެއްގޮތަށް އެހެން ޤައުމުތަކާއި ދިވެހިރާއްޖެ އާއި ގުޅުން ބަދަހިކުރުމުގެ ބާރު މުޅިންގެ އޮތީ އަތުލާފައެވެ.

މި ދުވަސްވަރު ރާއްޖޭގައި ހިންގައިދިޔަ އެންމެ ބޮޑު ހަމަނުޖެހުމަކީ ދެކުނު ގަޑުބަޑެވެ. އައްޑުއިން ބޮޑު ބިމެއް 100އަހަރަށް އިނގިރޭސީންނަށް ދީފައި އޮތީ ކުޑަކުޑަ ރަމްޒީ ފީއަކަށެވެ. 1956ގެ މި ޙާދިސާއާއިގުޅިގެން އުފެދުނު ހަމަނުޖެހުމުގައި ދެކުނުގެ ތިން އަތޮޅު އައްޑުއާއި ހުވަދޫ އަދި ފުވައްމުލަކުގައި ވަކި ދަޢުލަތެއްވެސް އިޢުލާންކުރިއެވެ. މި މައްސަލަ ޙައްލުކުރުމުގައި އެއްމެ އިސް މޭސްތިރިއަކީ އޭރުގެ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. ދެކުނަށް ވަޑައިގެން ގަޑުބަޑު ޙައްލުކުރައްވައި ދެން މަސައްކަތް ފެއްޓެވީ، އައްޑުއިން 100އަހަރަށް ބިން ކުއްޔަށްދިން އެއްބަސްވުން ލުއިކުރުމަށެވެ. މި މަސައްކަތުން ކުރިން 100އަހަރަށް ދޫކުރި ބިމުގެ އެގްރިމެންޓް 30އަހަރަށް ބަދަލުކުރެއްވިއެވެ. މިއީ ރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ހެއްދެވުމަށް ކުރެއްވި މަސައްކަތުގެ އެންމެ ބޮޑު އެއްމަސައްކަތްވެސްމެއެވެ.

އެމަނިކުފާނު ދެން މަސައްކަތް ފެއްޓެވީ އިނގިރޭސީންނާއިއެކު ވެފައިވާ އެއްބަސްވުމުން ދިވެހި ޤައުމު މިނިވަންކުރެއްވުމަށެވެ. ދިވެހި ތަޢުލީމީ ޒުވާނުންގެ ހިތުގައި އިނގިރޭސީންގެ ޙިމާޔަތާއިމެދު އުފެދުނު އައު ވިސްނުމުގެ ސަބަބުން އިނގިރޭސީންގެ ޙިމާޔަތުން ވަކިވެ މިނިވަން ޤައުމުކަށްވުމުގެ މަސައްކަތް ފެށިއެވެ. މިއަދު އަޅުގަނޑުމެން މިދެކޭ މިނިވަންކަން ގެނަޢުމަށް މަސައްކަތްކުރެވި އެންމެ އިސް ބޭފުޅަކީ އޭރުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް ނާސިރުއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

މިއަދު އަހަރަމެން މިދެކޭ މިނިވަންކަމަކީ ދިވެހި ދަރިންތަކެއް ޤައުމަށްވީ ޤުރުބާނީއެވެ. ޤައުމުތަކާއިއެކު ޚާރިޖީ ގުޅުންތަށް ޤާއިމުކޮށް ހޯދަމުންދިޔަ ކުރިއެރުމާއިއެކު، ދިވެހި ރާއްޖެ މިހާރު މިއޮތީ ކުޑަކޮށްތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ހިމަނާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *