ޖިންސީ ގޯނާއާއި ރޭޕް ކުރުންފަދަ މައްސަލަތަކަށް އިންސާފު ނުލިބި، ދައުލަތުގެ އިސްވެރިންގެ ފަރާތްޕުޅުން އިވެމުންދާ ވާހަތަކާއި ގުޅިގެން މިކަންކަމާއި ދެކޮޅަށް މިއަދު މާލޭގައި ކުރުމަށް މަސައްކަތް ކުރި މުޒާހަރާ ފެށުމާއިއެކު އިސްކޮށް ހަރަކާތްތެރިވި ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވޮއިސް އޮފް ޗިލްޑްރަން ޖަމިއްޔާގެ އިސް މީހުންނެވެ. ފުލުހުން ވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 5 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަޖީދީ މަގު، ހުސްނޫގެ ކުރިމަތީގައި ފެށުމަށް މަސައްކަތް ކުރި މުޒާހަރާގައި ބައިވެރިން ޝޫއޫރު ފާޅުކުރުމަށް ބޯޑްތައްވެސް ގެންގުޅެފައިވެއެވެ.

މި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރި ސަބަބާއި ގުޅިގެން ފުލުހުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އެއްވުމެއް ކުރިއަށް ގެންދިޔަބަޔަކު ފުލުހުން ނަސޭހަތްތެރިވުމުންވެސް އެއްވުން ކުރިއަށް ގެންގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފައިވާތީ 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނުންނާއި، 3 އަންހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ވިދާޅުވެ ރޭޕާއި ޖިންސީ ފުރައްސާރައަކީ ކުޑަކަމެއްކަމަށް ދޭހަވާ އިބަރާތަކުން މިނިސްޓަރ އިމްރާން ވާހަކަ ދެއްކާފައި ވަނިކޮށެވެ. މިމައްސަލާގައި ގިނަބައެއްގެ ފާޑުކިޔުން މިނިސްޓަރ އިމްރާނަށް ކުރިމަތި ވެފައިވާއިރު، މިކަމުގެ ސަބަބުން މިހާރު ހުށަހެޅިފައިވާ ޖިންސީ ފުރައްސަރައާއި، ގޯނާގެ މައްސަލަތައް އިންސާފުވެރިކަމާއިމެދު ބެލިދާނެކަމަށް ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ