ގއ. ކޮލަމާ ފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބު ސާފުކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި މާދަމާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާ، ކުރުމަށް ހަމަޖެހިފައިވަނީ ގއ. ކޮލަމާ ފުށީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކިހިނެއްވެގެންތޯ؟ އާއި އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމ ފައިވަނީ ކިހިނެއްތޯ؟ ސާފު ކުރުމަށެވެ. މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މި ސުވާލަށްފަހު މެމްބަރުންނަށް ސުވާލުކުރުމަށް 20 މިނިޓްގެ ފުރުސަތެއް ދެވިގެންދާނެއެވެ.
މިއީ މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރާ 3 ވަނަ ފަހަރުއެވެ. މީގެ ކުރިން ވެސް ރަށްރަށުގެ ހައުސިން މަޝްރޫޢުތަކާއި ފެނާއި ނަރުދަމާގެ މައްސަލަތަކާއި ގުޅޭގޮތުންވެސް ސުވާލު ކުރުމަށް ވަނީ ހާޒިރުކޮށްފައެވެ. މާދަމާގެ ޖަލްސާއަށްވަނީ ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާ ފައިވާ މައްސަލަވެސް ވަނަނީ އެޖެންޑާކޮށްފައެވެ. މިމައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑީޝަރީއަށް ކޮމިޓީއަށް ފޮނުވާނެއެވެ.
މީގެ އިތުރުން މާދަމާގެ ޖަލްސާގައި ތަޢުލީމުގެ ބިލު، ގެ ވޯޓަށް އެހުމާއި، ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓަށް ތަޅުމުގައި ވޯޓަށް އަހާނެކަމަށް ބެލެއެވެ. މި ދެރިޕޯޓުވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ކޮމެންޓު ފޮނުވާ