ރަޝިއާއާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާލައިންތަކުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ރަޝިއާގައި ގާއިމުކޮށްފައިވާ ދިވެހި ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ރިޒޯޓްލައިފް ހޮލިޑޭސް އާއި ރެޑްވިންގްސް އެއާލައިންއާ ގުޅިގެން ބޭއްވި މި މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބުދަ ދުވަހު އޮތް މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު ރެޑްވިންގްސް އެއާލައިން އޮޕަރޭޓުކުރާ ޒިއާ ޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯ ތޯމަސް ވައިސްވިލާއަށް ހިއްސާކުރައްވާފަ އެވެ.
ބައްދަލުވުމަށްފަހު ޒިއާޓުއަރސް އާއި ރިޒޯޓްލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާއި ގުޅޭގޮތުން އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފަ އެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޝީއާ މަރކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާއިއެކު މަރުހަބާ ކިޔަމުން ގެންދާނެކަން މިނިސްޓަރ މަޢުޞޫމް ފާހަގަކުރެއްވި އެވެެ.

މީގެ އިތުރުން އިއްޔެ ރިޒޯޓްލައިފާއި ނޯޑުވިންޑްސް އެއަރލައިންއާއި އެކުބޭއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރ މަޢުޞޫމް ބައިވެރިވެވަޑައިގެން ރާއްޖެއަށް ދަތުރުފެށުމަށް އެއަރލައިންތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާ ލެއްވި އެވެ. ޚާއްސަކޮށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައްފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާޙިމް ސިޔާދު ޤާސިމްވެސް މިނިސްޓަރގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރ ރަޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ރިޒޯޓްލައިފް ހޮލިޑޭސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މޮސްކޯގައި ހުންނަ ރިސޯޓްލައިފް ހޮލިޑޭސްގެ އޮފީހަށް ވެސް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

ރަޝިއާއާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 23.8 އިންސައްތަ އަކީ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ