ސައްހަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޅ. ހިންނަވަރު، ޢަންބަރީގެ، އިބްރާހީމް ނަޒީދު (37އ) ގެ ކިބައިން އެއްވެސް ބަޔަކަށް އޮޅުވާލާފައިވޭތޯ ބެލުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ އިބްރާހީމް ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މަޢުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދޭކަމަށެވެ.
ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމަޢުގައި އިތުރު ވަމުންދާ މައްސަލަތަކަކަށްވާތީ، ފައިސާއާއި އަގުބޮޑުތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނަށް އެންގުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ހިނގާ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ