މިސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތް: މަލީހު

މިސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތް: މަލީހު

Author
މުޙައްމަދު ޖިމީ
22 ޖުލައި 2021 12:39
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތްކަމަށް ވިދާޅުވެ، މިސަރުކާރުގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ދާދިފަހުން އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގަތް މަލީހު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. މަލީޙު ވިދާޅުވީ، މިސަރުކާރު ނުހިނގާކަމަށާއި، ސަރުކާރު އޮތީ ހުއްޓިފައިކަމަށެވެ. އެގޮތުން މި ޤައުމަށް އިންވެސްޓްމަންޓެއް ނުގެނެވުނުކަމަށާއި، އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށް ލައްގަމުން އަންނަކަމަށްވެސް މަލީހު ވިދާޅުވިއެވެ. އޭނާ ވަނީ ހުރިހާކަމެއްގެ ހައްލަކީވެސް ޕީޕީއެމްގެ ވެރިކަމެއްކަމަށް ވިދާޅުވެފައެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެމުން ނުދާކަމަށް ބުނެ ސަރުކާރު ހިނގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުންވެސް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށް ފާޑުވިދާލުވެ، ދައުލަތަކީ އަނދިރި ދައުލަތެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގައި ހަރުކަށި ފިކުރަށް ތާޢީދުކުރާ ބަޔަކު ތިބިކަމަށްވެސް ނަޝިދު ތުހުމަތުކުރައްވާފއިވެއެވެ.

ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ތައީދު ނުކުރާކަން މުޅިދުނިޔެއަށް ހާމަކުރައްވަމުންނެވެ. އަދި ރައީސް ޞާލިހަކީވެސް ހަރުކަށި ފިކުރުގެ ބޭފުޅުން ރުހުން ހޯއްދަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ޞާލިހަށްވެސް ނަޝީދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތީ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.