ލުބުނާންގެ ރައްޔިތުން، ކާނާއަށް އެކަނިވެސް، އަސާސީ މުސާރައަށްވުރެ 5 ގުނަ އިތުރަށް ޚަރަދު ކުރޭ: ދިރާސާ

ލުބުނާންގެ ރައްޔިތުން، ކާނާއަށް އެކަނިވެސް، އަސާސީ މުސާރައަށްވުރެ 5 ގުނަ އިތުރަށް ޚަރަދު ކުރޭ: ދިރާސާ

Author
ހުސެއިން
22 ޖުލައި 2021 07:54
0

ލުބުނާނުގެ އިގްތިސާދީ ހާލަތު ދަށްވެ، މިއިން ޒަމާނަކުވެސް އިންފްލޭޝަން (ފައިސާގެ އަގު ވެއްޓި، މުދަލާ ޚިދުމަތުގެ އަގު އުފުލުން) މައްޗަށް ނުދާވަރަށް މަތިވެ، އެގައުމުގެ ރައްޔިތުންނަށް ދެވޭ އެންމެ ދަށް މުސާރައަށްވުރެ 5 ގުނަ އިތުރަށް ކާނާއަށް އެކަނިވެސް ޚަރަދު ކުރަމުންދާ ކަމަށް، އަންގާރަ ދުވަހު އާންމުކުރި ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.

ވާރލްޑް ބޭންކުން ހާމަ ކޮށްފައިވާ ގޮތުގައި، 1850ގެ އަހަރުތަކަށްފަހު، ދުނިޔޭގެ ގައުމަކުން ދެކެފައި ނުވާތަކަށް އިގްތިސާދީ ކާރިސާއެއް ލުބުނާނުގެ ރައްޔިތުން މިހާރުދަނީ ތަހައްމަލް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުގައި، އެގައުމުގައި މުޅި އާބާދީގެ %50އަށްވުރެ ބޮޑުބައެއް މިވަގުތު ދިރިއުޅެމުންދަނީ، ފަގީރު ހާލަތުގައެވެ.

2019ވަނަ އަހަރުން ފެށިގެން ލުބުނާންގެ ފައިސާގެ އަގު ބްލެކް މާރކެޓްގައި ޑޮލަރުގެ އަގާ އަޅާބަލާއިރު %90 ވަނީ އަގު ވެއްޓިފައެވެ. އަދި ލުބުނާނުގެ ޕައުންޑުގެ އަގުވެއްޓި، ޚިދުމަތާ ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، އަގައުމުގެ ރައްޔިތުންނަށް ލިބޭ މުސާރައިގެ އަގުވެސްވަނީ އިންތިހާއަށް ދަށްވެގެން ގޮސްފައެވެ.

އެންމެފަހުން، މި ޖުލައިމަހުގެ އަގުތަކަށް ބަލާއިރު، ލުބުނާންގެ އާއިލާތަކުން ކާނާއަށް ކޮށްފައިވާ ޚަރަދުތައް ވަނީ، އާއިލާތަަކަށް ލިބޭ އަސާސީ މުސާރައިގެ 5 ގުނަ އަށް މަތިވެފައިކަމަށް، ދަ ކްރައިސިސް އޮބްޒަވޭޓަރީ އެޓް ދަ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބުނެފައިވެއެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުގައި، ކައްކާ ގޭހާއި، ފެނާއި ކަރަންޓަށް ކުރަމުންދާ ޚަރަދުތައް ނުހިނަމާ، ލުބުނާނުގެ 5 މީހުންގެ އާއިލާއަކުން މަހަކު، ކާނާއަށް އެކަނި، 3.5 މިލިއަން ޕައުންޑް ޚަރަދު ކުރެއެވެ.

ލުބުނާނުގައި ގިނަ މުވައްޒިފުންނަށް އެގައުމުގެ އަމިއްލަ ފައިސާއިން މުސާރަ ދޭއިރު، އެގައުމުގައި ދެވޭ އެންމެ ދަށް މުސާރައިގެ މިންވަރަކީ 675,000 ލެބަނީސް ޕައުންޑެވެ.

މި މިންވަރަކީ އިގްތިސާދީ ކާރިސާގެ ކުރިން އެމެރިކާ ޑޮލަރުންނަމަ 450 ޑޮލަރެވެ. އެހެންނަމަވެސް، މިހާރު އެގައުމުގައި ބްލެކް މާރކެޓްގައި މިއީ 30 އެމެރިކާ ޑޮލަރުގެ މިންވަރެވެ.

ކްރައިސިސް އޮބްޒަވޭޓަރީން ބުނެފައިވަނީ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލުބުނާނުގައި ކާތަކެތީގެ އަގު ވަނީ 700 ގުނަ މަތިވެގެން ގޮސްފައެވެ. އަދި ފާއިތުވެދާ ހަފްތާތަކުގައި ކާއެއްޗިހީގެ އަގު ދަނީ އާދަޔާ ޚިލާފަށް މަތި ވަމުންނެވެ.

ލުބުނާން ސަރުކާރުން ފާއިތުވެދިޔަ ތަނުގައި ދެމުން އައި ބައެއް މުހިންމު ސަބްސިޑީތައް ކަޑާލަމުން އައުމާ ގުޅިގެން ތެލާއި ބޭހުގެ އަގުދަނީ ފަހަކަށް އައިސް އާދަޔާ ޚިލާފަށް އުފުލެމުންނެވެ.

އަދި އިގްތިސާދުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފައިސާ ދައުރުވަމުން ނުދިއުމާ ގުޅިގެން، އެގައުމުގެ އިންޖީނުގެތައް ހިންގާފައި ބެހެއްޓޭވަރށް ތެޔޮ އެތެރެ ނުކުރެވުމާއި ގުޅިގެން، ގައުމުގެ ގިނަ ހިސާބުތަކުގައި ދުވާލަކު 23 ގަޑިއިރަށް ކަރަންޓް ކަޑާލަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.