މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އއ.ރަސްދޫގެ އިތުރުން ރ.ދުވާފަރުގައެވެ. އެގޮތުން އއ.ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މި ހިނގާ އޮކްޓޯބަރ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 23 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
ރ.ދުވާފަރުގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި ހިނގާ އޮކްޓޯބަރ 23 ވަނަ ދުވަހު ރ. ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި 18 އަހަރާއި، 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ