މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ އާއި ނ. ކެނދިކުޅުދޫގައި އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މަރަދޫގައި ދެ އޮޕަރޭޝަނެއް ހިންގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މަރަދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގެ ތެރެއިން ހިންގި އެއް އޮޕަރޭޝަނުގައި، 51 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ. އޭގެ އިތުރުން މަރަދޫ މަގުމަތިން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ނ. މާފަރުގައި ހިންގި އޮޕަރޭޝަނަކީ މާފަރު ބޯޓުން ކެނދިކުޅުދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
ކެނދިކުޅުދުއަށް ދިޔަ ބޯޓުން އެރަށް ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.