ފުށިދިއްގަރު މައްސަލާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް، ޓެރެޜަރީ ދަފްތަރު ނަންބަރު 1015، ޢަބްދުﷲ ޖިހާދުގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މިމައްސަލަޔަކީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 2011 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ މައްސަލައެވެ. އޭރު މިނިންމުމުގައި އޮތީ، މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށާއި، މިމަޝްރޫޢު ގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޢަބްދުالله ޖިހާދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައި ހުރެ، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަ ނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
ޢަބްދުالله ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 އެމެރިކާ ޑޮލަރު އުނިވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ %50 ޕަސެންޓު ޙިއްސާގެ ބަދަލުގައި %25 ޕަސެންޓަށް ޙިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވެސް އޮތްކަމަށް ޕީޖީ އޮފީހުން އުފުލި ދައުވާގެ އަސާސްތަކުގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލަ އަކީ 2013 ވަނަ އަހަރު އޮޖަސްޓް މަހުގެގެ ތެރޭގައި އޭސީސީއަށްވެސް ހުށަހެޅުނު މައްސަލައެއްކަމަށް ޕީޖީ އޮފީހުން ބުނުއެވެ. މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ނަމަވެސް، މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 16 ފެބުރުވަރީ ގައި، 2016 އޭރު އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ. މި ނިންމުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވޭކަމަށް ބެލުމުގެ ފުރުޞަތު އޮތަތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދެއްވުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި މިއޮފީހުން ދަންނަވާފައިވާ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ