މި ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ހައްޖުވެރިން މައްކާއަށް ދަތުރުކޮށް، ހައްޖުވެރިންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ، ސިއްޙީގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު، ހައްޖުގެ އަޅުކަން އަދާކުރަން ފަށައިފިއެވެ.
މިއީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19ގެ ނުރައްކަލުގެ ސަބަބުން، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސައުދީ އަރަބިއާގައި ކުރިޔަށްދާ ދެވަނަ ހައްޖެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކާ ހައްޖުވެރިން މައްކާއަށް ދަތުރު ފަށާފައިވަނީ މިހަފްތާގެ ހޮނިހިރު ދުވަހު ހެދުނުއެވެ.
ހައްޖުގެ އަޅުކަމަކީ، މާތްވެގެންވާ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެންމެ މުހިންމު އެއް ރުކުނެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރު ހައްޖު ވުމަކީ ވާޖިބު އަޅުކަމެވެ.
ހައްޖުވެރިން ހޮނިހިރު ދުވަހު މައްކާގެ އަލް ޒައިދީ ސްޓޭޝަނަށް ޖަމާވުމާއެކު، ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކާ ސައުދީ ސަރުކާރުން ދޫކޮށްފައިވާ ހުއްދަތައް ބެލުމަށްފަހު، ހައްޖުވެރިން މައްކާގެ ހަރަމްފުޅަށް ގެންދިއުމަށްޓަކާ 1،770 ބަސް ތައްޔާރު ކުރެވިފައި ވެއެވެ.

މިއަހަރު ހައްޖުގެ އަޅުކަމަށް ފެށުމުގެ ކުރިން ހުރިހާ ހައްޖުވެރިންވެސް ޝާއިރު ސްމާރޓް ކާރޑް މޯބައިލް އެޕްލިކޭޝަނެއް ޑައުންލޯޑް ކުރުމަށް ސައުދީގެ މުއައްސާސާތަކުން ވަނީ އަންގާފައެވެ.
މި އެޕްލިޝަންއިން ކޮންމެ މީހެއްގެވެސް ސިއްޙި ހާލަތާއި އަދި އެމީހަކު ދިރިއުޅޭތަނެއްގެ ތަފްސީލް ވަގުތުން ބަލާލެވެއެވެ. އަދި މީގެ އިތުރުން މި އެޕްލިކޭޝަންގެ ބޭނުން ކޮށްގެން ހައްޖުވެރިންނަށް މައްކާގެ ހަރަމްފުޅުގެ ކައިރި ހިސާބުތަކުންނާއި އަދި ހައްޖުގެ މުޅި އަޅުކަމުގެ ތެރޭގައި ލިބެންހުރި ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކުގެ ތަފްސީލްތަކާއި، ހަރަމްފުޅުގެ ސްމާރޓް ގޭޓްތަކަށް ދެވޭނޭ މަގުތަށްވެސް ފުރިހަމަޔަށް ދެނެގަނެވެން ހުރެއެވެ. އަދި މީގެ އިތުރުންވެސް މި އެޕްލިކޭޝްންގެ ބޭނުން ކޮށްގެން ހައްޖުގެ އަޅުކަން އަދާކުރުމުގައި ގިނަގުނަ ފަސޭހަތަކެއް ލިބިދީފައި ވެއެވެ.
ހައްޖުގެ އަޅުކަމަކީ، އާންމުކޮށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް 2.5 މިލިއަން މުސްލިމުން ޒިޔާރަތް ކުރާ އަޅުކަމެކެވެ. އެހެންނަމަވެސް ކޯވިޑް19ގެ ނުރައްކަލުގެ ސަބަބުން މިއަހަރު މައްކާގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިދީފައިވަނީ 60،000 މުސްލިމުންނަށެވެ. އަދި އެއީވެސް ސައުދީ އަރަބިއާގައި ދިރިއުޅެމުންދާ، ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
ކޯވިޑް19 ދުނިޔޭގައި އާންމުވާން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ބޭއްވި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ސަރުކާރުން ފަހި ކޮށްދީފައިވަނީ އެންމެ 10،000 މުސްލިމުންނަށެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ، އެގައުމުން އުއްމީދު ކުރަނީ ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކާމިޔާބު ކަމާއެކު ހައްޖާޖީންނަށް އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ސައުދީގައި ދިރިއުޅެމުންދާ، ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދީފައިވާއިރު، ހައްޖަށް މިއަހަރު ދެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ، އަދި އަލަށް ހައްޖުގެ އަަޅުކަން އަދާކުރާ، އަދި ނޭވާލާ ނިޒާމާއި ގުޅުންހުރި ސިއްޙީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ފަރާތްތަކަށް އެކަންޏެވެ.
އަދި އަޅުކަން އަދާ ކުރަމުންދާއިރު، ހުރިހާ ވަގުތެއްގައިވެސް ގައިދުރުކަން ބެހެއްޓޭނެކަން ޔަގީން ކުރެވިގެން ދާއިރު، ސެނިޓައިޒް ކުރުމަށްޓަކާ ހުރިހާ ވަގުތެއްގައިވެސް ކައުބާ އެކި ހިސާބުތަކުގައި ރޮބޯޓުތައްވެސް ވަނި ބެހެއްޓިފައެވެ. އަދި ހަރަމްފުޅުގެ ތެރޭގައި ފެން ފޯރުކޮށްދިނުން ފަދަ އެކިއެކި ކަންކަމުގައިވެސް ރޮބޯޓްތަކުގެ ބޭނުން ކުރެވޭނެ އިންތިޒާމްތައްވެސް ވަނީ ގާއިމް ކުރެވިފައެވެ.
#Zamzam water Robot ? ? #Haj2021pic.twitter.com/Q2GiQNYLVu
— ?????????? (@JassemTamim) June 23, 2021