ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކޯލިޝަން ޕާޓީތަކުގެ ނުފޫޒު މާގަދަކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން މުޅިއަކުން ރަނގަޅު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގުޅޭގޮތުން ރައީސް ނަޝީދުގެ ކަންބޮޑުވުންތަށް ހިއްސާކޮށް ނަޝީދު އިނގިރޭސިބަހުން ނެރުއްވި ބަޔާނާގުޅިގެން ބޭރުގެ މީޑިއާތަކުން ރާއްޖޭގެ ސިޔާސީ މަޝްރަހާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމުގެ ޚަބަރުތައް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޖީހާން ވިދާޅުވީ ކޯލިޝަންގެ ބައިވެރިންގެ ސަބަބުން ވައުދުތައް ނުފުއްދޭ ވަރަށް ޕްރެޝަރުތައް ރައީސްއަށް ކުރިމަތި ކުރުވަމުން އަންނަ ވާހަކައަކީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ރައީސް ޞާލިހް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަށް ފުއްދަވަމުން ގެންދަވާ ކަމަށާއި، ނަމަވެސް ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ މައްސަލަތަކަކީވެސް ސީރިއަސް މައްސަލަތަކެއް ކަމަން ޖީހާން ފާހަގަކުރެއްވިއެވެ.
"އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނާ އެކު، އެ ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ. ރައީސް ޞާލިހް އިސްވެ ކޯލިޝަން ރޫޅައެއް ނުލައްވާނެ."
– ޖީހާން
ހަރުކަށި ފިކުރާއި ދެކޮޅަށް ރައިސް ޞާލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ޖީހާން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގާ ރާއްޖޭގައި ހަރުކަށިފިކުރު ފެތުުރމުގައި އިސްކޮށް އުޅޭމީހުން ދެނެގަނެ ދައުވާކުރަމުންދާކަން ފާހަގަކުަރައްވާފަ އެވެ.
"އެ ފާހަގަކުރާ ފަދަ ޕްރެޝަރުތަކެއް އަންނަ ނަމަ ރައްޔިތުންގެ މަޖިލީހަށް ނަފުރަތުގެ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމުގެ ބިލެއް ނުވެސް އައީސް،"
– ޖީހާން
ޖީހާން ވިދާޅުވީ އެ ބިލު މަޖިލީހުގެ ތަޅުމުން އަދިވެސް އެއްކޮށް ބޭރުކޮށްލާފައި ނުވާ ކަމަށެވެ. އަދި ބިލްމިހާރު އޮތީ އިތުރު މަޝްވަރާތައް ކުރުމާއި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި ކަން ޖީހާން ފާހަގަކުރެއްވިއެވެ.
ނަޝީދު އިނގިރޭސިބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ކޯލިޝަނެއްގެ ތެރެއިން މި ސަރުކާރަށް ވެރިކަން ލިބުނުނަމަވެސް ރައީސް ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި ސަރުކާރުގެ ތެރޭގައި އަދާލަތުގެ ނުފޫޒު އިންތިހާއަށް ގަދަ ކަމަށެވެ. އަދި ސަރުކާރުން އަމިއްލައަށް ހުށަހެޅި ބިލަށް ސަރުކާރުން ތަޢީދު ނުކުރާނަމަ، ސަރުކާރަށް ރައިސް ނަޝީދުގެ ތާޢީދެއް ނޯންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ މި ވާހަކަފުޅުތަށް ދޮގުކުރައްވާ ރޭވަނީ އަދާލަތު ޕާޓިންވެސް އިނގިރޭސި ބަހުން ބަޔާނެއް ނެރެފަ އެވެ.