ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Author
ޢަލީ އާދަމް
18 ޖުލައި 2021 07:10
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއާއި ހަނިމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި، އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި، އެސިޓީގެ 3 ސުކޫލުގެ އިސްވެރިންނާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި، ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހދ. ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާއި، އަދި އަންހެނުންުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެންބަރުންނާއި، ބައްދަލުކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގެންނެވީ ހދ. ކުމުންދޫއަށެވެ. އެރަށުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެކަނބަލުން ވަނީ ހދ. ކުމުންދޫ ޞިއްޙީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މީގެ އިތުރުން އެދެކަނބަލުން ވަނީ ހަނިމާދޫގެ ސްކޫލަށާއި، ހެލްތު ސެންޓަރަށާއި، ބަނދަރަށް ޒިޔާރާތްކުރައްވާ އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.