ފޭސްބުކުއަކީ، ނުރަގަޅު މައުލޫމާތު ފަތުރައިގެން މީހުން މަރަމުންދާ ބައެއްކަމަށް އެމެރިކާގެ ރައީސް ބައިޑްސް ސިފަ ކުރެއްވުމާއި ގުޅިގެން ފޭސްބުކްއިން ބައިޑްއަށް ރައްދު ދީފިއެވެ.
ވައިޓް ހައުސްގެ ބޭރުގައި، ނޫސްވެރިންނާއެކު ބޭއްވުނު ބައްދަލު ވުމުގައި، ނޫސްވެރިއަކު ވަނީ، ފޭސްބު ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ދެއްވަން އޮތް މެސެޖަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.
"އެމީހުން އެދަނީ މީހުން މަރަމުން،" އެމެރިކާގެ ރައީސް ވިދާޅުވިއެވެ. "ސިއްޙީ ކާރިސާއެއް މިހާރު އޮތީ ހަމަ އެކަނި ވެކްސިން ނުޖަހާތިބި މީހުންގެ މެދުގައި."
އާންމުންގެ މެދުގައި ފެތުރެމުންދާ ނުރަގަޅު މައުލޫމާތާ އަދި ނުރައްކާތެރި މައުލޫމާތު ފެތުރުން ހުއްޓުވުމުގައި ނާކާމިޔާބު ވެގެން ގޮސްފައިވާތީ ފަހަކަށް އައިސް، ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ކަމުގައިވާ ޓުވިޓަރ އަދި ފޭސްބުކް ފަދަ ޕްލެޓް ފޯމުތަކަށް ގިނަ ބައެއްގެ ފާޑުކިއުތައް ވަނީ އަމާޒުވެގެން ގޮސްފައެވެ.
މި ދެ ޕްލެޓްފޯމުންވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ރިޔާސީ އިންތިޚާބު އޮޅުވާލާ ވަގަށް ނަގާފައިވާ ކަމަށް ކުރަމުންދިޔަ ތުހުމަތުތަކާ ގުޅިގެން، ދެ ޕްލޯމުން ބޭނުން ކުރުންވެސް އޭނާއަށް މަނާ ކޮށްފައެވެ.
"ހަގީގަތަކީ ކޯވިޑް19 އާއި އަދި ވެކްސިންއާއި ގުޅުންހުރި، ރަގަޅަށް ބެލެހެއްޓިގެން އާންމު ކުރެވިފައިވާ މައުލޫމާތު، ފޭސްބުކް ބޭނުން ކޮށްގެން 2 ބިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ކަން، މިއީ އިންޓަރނެޓްގައި އެހެން އެއްވެސް ޕްލެޓްފޯމެއްގައި މައުލޫމާތު މީހުން ބަލާފަވާ އަދަދެއް ނޫން،" ބައިޑްގެ ތުހުމަތުތަކަށް ރައްދު ދެމުން، ފޭސްބުކުއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.
"އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ނުކޮށް ދެކެވޭ އެއްވެސް ވާހަކައަކުން، އަހަރެމެންގެ އަމާޒު ކައްސައެއް ނުލާނެ،" ފޭސްބުކްއިން ބުނެފައި ވެއެވެ.
ފޭސްބުކްއިން ބުނެފައިވަނީ، އެންމެ ކައިރީގައި ހުންނަ ވެކްސިން ސެންޓަރަކީ ކޮބައިކަން ދެނެގަތުމަށްޓަކާ އެ ޕްލެޓްފޯމްއިން ތައާރަފް ކޮށްފައިވާ "ފޭސްބުކް ވެކްސިން ފައިޑަރ ޓޫލް"ގެ ބޭނުން މިހާތަނަށް އައިއިރު އެމެރިކާގެ 3.3 މިލިއަން ރައްޔިތުން ބޭނުން ކޮށްފައިވާ ކަމަށެވެ.
"ހަގީގަތަކީ، ފުރާނަތައް ސަލާމަތް ކުރުމަށް ފޭސްބުކުއިން އެހީތެރިވަމުން ދާކަން،" ބަޔާނުގައި ބުނެފައި ވެއެވެ.
މިހަފްތާގެ ހުކުރު ދުވަހު، ވައިޓްހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކިވެސް ވިދާޅުވެފައިވަނީ، ނުރައްކާތެރި ޕޯސްޓުތައް އާންމު ވެދިއުން ހުއްޓުވުމަށާއި، އަދި ރަގަޅު ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށް، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.