ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ރައްޔިތުންގެ ޝުއޫރު ފާޅުކޮށް އަޑު އުފުލުމަށް މަސަކަތް ކުރުމުން، އެޖާގަ ފުލުހުން ނުދީ ހުރަސް އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅާއި ދިމާކޮށް ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ވަނީ އެބޭފުޅުންގެ އަޑު އިއްވުމަށް އަޑު ގަދަކުރާ ބޭނުންކޮށްގެން ޝުއޫރުފާޅު ކުރުމަށް މަަސއްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެފުރުސަތު ނުދީ އެއްވި މީހުން ރައީސް ޞާލިހު ވަޑައިގެންނެވި ހިސާބަށްވެސް ނުދެވޭނެހެން ހުރަސް އަޅާފައެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި ކުޅުދުއްފުށީ ރައްޔިތަކު ބުނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ އިހުސާސްތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި އެބޭފުޅުންގެ އަޑު ކަނޑުވާލުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަށެވެ. އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސާއު ހިއްސާ ކުރުމަށް ކުރި މަސައްކަތަށް ފުލުހުން ނެރެ ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގަށް ވީނަމަވެސް މިސަރުކާރުން އެކަން ހުއްޓުވައި ޤާނޫނުގެ ބާރު ކަނޑުވާލާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއާއި ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެސިޓީގެ އެކި މުޢައްސަސާތަކުގެ އިސްވެރިންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ އެއަރޕޯޓު ސަރަޙައްދު ޒީނަތްތެރިކޮށްފައިވީ ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ މީހުން ބައިވެރިކޮށްގެން ހަރަކާތްތައް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސްކުރައްވާފައިވާތީ، ގިނަ ބަޔަކު އެއްވެ މަރުހަބާ ދެންނެވުން ކުރިއަށްގެންގޮސްފައިނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ މިދަތުރުފުޅަކީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާއެކު، ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއާއި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.