ނެދަލެންޑްސްގެ އާޔެން ރޮބެން ދެ ވަނަ ފަހަރަށް ފުޓްބޯޅަ އިން ރިޓަޔާކޮށްފިއެވެ.
2019 ވަނަ އަހަރު ޖުލައި މަހު ރޮބެން ވަނީ ފުޓްބޯޅަ އިން ރިޓަޔާކޮށްފައެވެ. ދެ ވަނަ ފަހަރަށް ރިޓަޔާކުރަން ރޮބެން ނިންމީ އަނިޔާ އާއި އެކި ސަބަބުތަކާ ހުރެ އެވެ. ރޮބެން ވަނީ ފުޓްބޯޅައިގައި ކުރިއަށްދާން އޭނާ އަށް ސަޕޯޓް ދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އެކަމަކު، މިދިޔަ އަހަރު ޖޫން މަހު ރޮބެން އަލުން އޭނާ އެންމެ ފުރަތަމަ ފުޓްބޯޅަ ކެރިއަރު ފެށި ގްރޮނިންގެން އަށް ސޮއިކުރީ ހާއްސަ ސަބަބަކާ ހުރެއެވެ. އަލުން އެނބުރި އައި މެޗުގައި ރޮބެން ވަނީ 28 މިނިޓަށް ފަހު އަނިޔާވެގެން ބަދަލުކުރަން ޖެހިފައެވެ.
އަނިޔާއިން ރަނގަޅުވެގެން އައިސް ރޮބެން ވަނީ ސީޒަނުގެ ފަހު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އަދި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ދާދި ފަހުން ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނެދަލެންޑްސް ޓީމުގައި ހިމަނަން ވެސް ވާހަކަތަކެއް ދެކެވުނެވެ. ރޮބެން، ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުއެވެ.
އޭނާ އަލުން ކުޅެން ފެށީ ކޮވިޑް-19ގެ ހާލަތުން އަރައިގަންނަން އެ ކްލަބުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުންނެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގްރޮނިންގެން އިން ރޮބެން ނެގީ 50 ޕަސެންޓް މުސާރަ. ގްރޮނިންގެން އިން ކެރިއަރު ފަށައި އޭގެ ފަހުން ޕީއެސްވީ އެއިންދޯވަން އަށް ވެސް ކުޅުނު ރޮބެން އަށް އެންމެންގެ ލޯ އަމާޒުވާން ފެށުމާ އެކު ހޯސޭ މޮރީނިއޯ ވަނީ 2004 ވަަނަ އަހަރު ޗެލްސީ އަށް އޭނާ ގެނެސްފައެވެ. ތިން ސީޒަން ޗެލްސީގައި ހޭދަކުރުމަށް ފަހު ރޮބެން ދެން ގުޅުނީ ސްޕެއިނުގެ ރެއާލް މެޑްރިޑާއެވެ.
އެ ޓީމުން އެންމެ އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ 2009 ވަނަ އަހަރު ބަޔާނަށް ބަދަލުވިއެވެ.