އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
ތެލުގެ ބާޒާރު ދިރާސާކުރާ މާހިރުން ވިދާޅުވާ ގޮތުގައި ހޫނުމޫސުމުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެއެވެ. އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ. ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ.
އެސްޓީއޯ އިން ބުނީ އަގަށް ގެނައި ބަދަލާއިއެކު ޑީސަލް ލިޓަރެއްގެ އަގަކީ -/10.95 (ދިހަ ރުފިޔާ ނުވަދިހަ ފަސްލާރި) އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ -/10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) ކަމަށެވެ.
Announcement ? pic.twitter.com/aTRJAL3yn4
— STO (@stoplc) July 14, 2021
މާހިރުން ބުނާގޮތުގައި އޮގަސްޓުމަހު އޯޕެކުން ދުވާލަކަށް 500000 ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެކަމަށް ބެލެވެއެވެ. ނަމަވެސް އަބޫދާބީ ނޭޝަނަލް އޮއިލް ކޯޕަރޭޝަން (އޭޑީއެންއޯސީ) އިން އޭޝިއާގެ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދޭ މިންވަރު 15 އިންސައްތައަށް ދަށްކުރާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެއިތުރުން ރަޝިއާއިންވެސް ވަނީ އެޤައުމުގައި އެވަރޭޖްކޮށް ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފައެވެ.
އަނެއްކޮޅުން 2015 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނިއުކުލިއަރ އެއްބަސްވުން އަލުން އައު ކުރުމުގެ ވާހަކަތައް އަނެއްކާވެސް އީރާނާއި އެމެރިކާއާއި ދެމެދެ ވަނީ ފަށާފައެވެ. މި އެއްބަސްވުމުގެ ސަބަބުން އިރާނުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުވެގެންދާނެކަމަށް ކުރިން ވަނީ ބެލެވިފައެވެ.
ނަމަވެސް އިރާނުން އެހީވާ އީރާޤު އަދި ސީރިއާގައި ހުންނަ މިލިޓަރީ ބޭސްތަކަށް އެމެރިކާއިން އާދިއްތަ ދުވަހު ދިން ވައިގެ ހަމަލާތަކާއި ގުޅިގެން މި އެއްބަސްވުމުގެ ވާހަކަތައް އަނެއްކާވެސް ލަސްވެދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ކޮމެންޓު ފޮނުވާ