ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދޭކަމީ އެންމެނަށްވެސް އޮތް ބޮޑު މިރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަ ފުޅަށް އަމާޒުކޮށް، މަޖީދީ މަގުގެ މެދުގައި ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. ހަމަލާގައި ލިބުނު ޒަހަމަށްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރުވެސް އިނގިރޭސި ވިލާތުގައި ހުންނެވިއިރު، ރައީސް ނަޝީދުވެސް ވަނީ ހަމަލާގެ އަޑިގައި ތިބި މީހުންނާއި، މިކަމުގައި ޝާމިލުވާ އެންމެންނާއިމެދު ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ގޮވާލާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގް ކުރިއަށްދާ ގޮތާއިމެދު އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރައްވާ އެއް ބޭފުޅަކީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ. އޭނާ ވިދާޅުވީ މިހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދޭހާ ދުވަހަކު މިއީ މުޅި މުޖުތަމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ. މިކަމުގެ ސަބަބުން ބިރުވެރިކަން އޮތީ މުޅި މުޖުތަމައުއަށް ކަމުގައި ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލުމުގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ނުހޯދޭކަމީ އެންމެނަށް އޮތް ބޮޑު ބިރުވެރިކަމެއް.
– ވަހީދު ވިދާޅުވިއެވެ.
އްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެރުވުމުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ރިޕޯޓަކީ ވަރަށް ރުފިހަމަ ވަރަށް ރަނގަޅު ރިޕޯޓެއް ކަމަށެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ލަސްނުކޮށް، ފިޔަވަޅު އެޅުމަކީ އެންމެ މުހިންމު ކަންތައް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއީ ވަރަށް ސީރިއަސް އަދި ނުރައްކާތެރި މައްސަލައެއްކަން ދިވެހި ރައްޔިތުން ގަބޫލު ކުރާކަމަށެވެ. މިމައްސަލަ ނުބެލި ލަސްވާނަމަ މިކަމުގެ ގެއްލުން ވެގެންދާނީ ދިވެހި ޤައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށްވެސް މިކަމުގައި އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއާއި، އުއްތަމަ ފަނޑިޔާރު އަވަސް ފިޔަވަޅު ތަކެއް އަޅުއްވާނެކަމަށް ޔަގީން ކުރައްވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިކަމުގައި ފަސްނުޖެހި ކުރިއަށް ދާނެކަމީ ޔަގީންކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.