އިލެކްޝަނުން ބަލަންވާ ވަރަށް ނުބަލާ ރައްޔިތެއްގެ ހައްގެއް މިވަނީ ހިފަހައްޓާފަ: ކަމާލުއްދީން

އިލެކްޝަނުން ބަލަންވާ ވަރަށް ނުބަލާ ރައްޔިތެއްގެ ހައްގެއް މިވަނީ ހިފަހައްޓާފަ: ކަމާލުއްދީން

Author
ޢަލީ އާދަމް
15 ޖުލައި 2021 06:33
0

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހެޅި ފޯމު ބާޠިލް ކަމަށް އިލެކްޝަނުން ކަނޑައެޅުމަކީ ބަލަންވާ ވަރަށް ނުބަލާ ރައްޔިތެއްގެ ހައްގު ހިފެހެއްޓުން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ކޮމިޝަނުން އިއްޔެވަނީ އަބްދުﷲ ކަމާލުއްދީން އައު ސިޔާސީ ޕާޓީއެއް ފުފެއްދުމަށް ހުށަހެޅި ފޯމު ބާޠިލް ކަމަށް ނިންމާފަ އެވެ. އިލެކްޝަނުން ބުނީ ކަމާލުއްދީންގެ ފޯމް ބާތިލް ކޮށްފައިވަނީ ފޯމް ހުށަހެޅުއްވި އިރުވެސް އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ކަމާލުއްދީންގެ ނަން އޮތުމުން ކަމަށެވެ.

އެހެންނަމަވެސް އެމްއާރްއެމްގެ މެމްބަރުކަމުން ވަކިވުމަށް ޕާޓީގެ ރަޖިސްޓަރަރ އަށް ފޮނުވި ސިޓީއާއެކު ކަމާލުއްދީން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖޫން 30 ވަނަ ދުވަހު އެބޭފުޅާ އެމްއާރޮއެމް އިން ވަކިވެފައި ވާކަމަށެވެ.

މީގެ އިތުރުން ޓްވިޓާގައި ކަމާލުއްދީންގެ، ހަމަނުވަނީ ކޮން ޝަރުތެއްތޯ މީހަކު ކޮށްފައި ވާ ސުވާލަށް ޖަވާބުދެމުން ކަމާލުއްދީން ވިދާޅުވީ އެބޭފުޅާގެ ޝަރުޠު ހަމަވާކަން ޔަގީން ކަމަށާއި، އިތުރަށް އެއްޗެއް ބުނެވޭނީ އިލެކްޝަންސް ކޮމިޝަނަށާއި އެމްއާރްއެމަށް ކަމަށެވެ.

ސިޔާސީ ޕާޓީއެއް ހެދުމަށް ހުށަހެޅުމަށްފަހު ކަމާލުއްދީން އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށެވެ. މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭކަމަށް ވިދާޅުވިއެވެ.

ކަމާލުއްދީން ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި މިވަނީ، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމްވެސް ވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.