ވަކީލުން އެދިގެން ނިހާންގެ ޝަރީއަތް ކެންސަލް ކޮށްފި

ވަކީލުން އެދިގެން ނިހާންގެ ޝަރީއަތް ކެންސަލް ކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 11:01
0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލަތައް މިއަދު ކުރިއަށް ގެންދަން ތާވަލްކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ 2 ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 ޖެހިއިރު ކުރިއަށް ގެންދަން ތާވަލްކުރި މައްސަލަތައް ކެންސަލް ކުރީ ނިހާންގެ ވަކީލުން އެދިވަޑައިގެނެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ނީހާނާއި އެނާގެ އައިލީ ބައެއް މެމްބަރުންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދަޢުވާގައިވަނީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ނިހާން ޙުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ހިފާ، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް އެނގޭކަމަށެވެ. އަދި ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާއި ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލަތކުގެ އަޑުއެހުންތައް މިއަދު ފަށާއިރު އޭނާ ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓްވަނީ ހިފަހައްޓާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.