ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކުލަބް ގްރީންސްޓްރީޓްސްގެ ފަރިތަކުރުންތައް ފަށައިފިއެވެެ.
އާ ސީޒަނަށް ތައްޔާރުވާ ގްރީންގެ ސްކޮޑަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިފަހަރު ގްރީންއަށް އަލަށް ގުޅުނު ކުޅުންތެރިންތަކުގެ ތެރޭގައި އެންމެފަހުން ފޯކައިދޫ ޓީމަށް ކުޅުނު މުޙައްމަދު ޖައިލަމް (އޮގީ) ގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ރިލްވާން ވަހީދު ހިމެނެއެވެ. ގްރީންގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވާފައިވަނީ ހެންވޭރު ދަނޑުގައެވެ.
މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް މުޙައްމަދު ޖައިލަމް (އޮގީ)ގެ ކަކުލަށް ލިބުނު އަނިޔާ ރަނގަޅުވެ ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކަށް ވަނީ ނުކުމެފައެވެ. މި ދިޔަ ސީޒަނުގައި ފޯކައިދޫ އެފްސީ އަށް ކުޅެމުން ދަނިކޮށް ސީޒަނުގެ ވަކި ހިސާބަކުން އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އިތުރުން ސީނިއާ ޓީމުން ވެސް ޖާގަ ހޯދި އޮގީއަށް ވަނީ އަނިޔާގެ ސަބަބުން މި ދިޔަ ސީޒަނުގެ ވަކި ހިސާބަކުން ދުރަށް ދާން ޖެހިފައެވެ.

ކުރިޔަށް އޮތް ސީޒަނުގައި ދެން ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ގެ އިތުރުން ރާއްޖޭގައި މީގެކުރިން ކުޅެފައިވާ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެންޖަލް މުނޯޒް އާއި ކަލީލް ޖަމާލް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ގްރީނަށް މި ސީޒަނުގައި ކުޅޭނެ ތިން ކީޕަރުންނަކީ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަދި ލަބާން ޝަރީފާއި އަރަމުން އަންނަ ކީޕަރު ރާއިފް އެވެ.
ކުރިޔަށް އޮތް ސީޒަންގައި ގްރީންގެ ފުރަތަމަ މެޗަށް ނުކުންނާނީ އަންނަ ޑިސެންބަރު މަހު 24 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިޔާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ