ރައީސް ޞާލިހު އަނިޔާވެރިއެއްނޫން، ވައްކަމެއްނުކުރޭ، ޔާމީނާއެކު ދާންވީ ސަބަބެއްނެތް: ރޮޒޭނާ

ރައީސް ޞާލިހު އަނިޔާވެރިއެއްނޫން، ވައްކަމެއްނުކުރޭ، ޔާމީނާއެކު ދާންވީ ސަބަބެއްނެތް: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 08:22
0

އެމްޑީޕީގެ ބާރު އޮތް ވެރިކަމެއްގައި، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ކައިރިއަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ވެރިކަމުގައި އޮވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅަށް ރައީސް ޔާމީނާއި ބައިވެރިވާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށެވެ. ރައީސް ޞާލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ ކެތްތެރިކަމާއި ރީތި އަހުލާގުކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމަކީ އެއްވެސް މީހަކަށް އިންސާފު ލިބިފައި ނުވާ ވެރިކަމަކަށްވާއިރު، އަދި އެތައް ބަޔަކަށް އަނިޔާވެރިވެ ވައްކަން އާންމު ވެރިކަމެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޞާލިހުގެ ތަފާތަކީ މީގެއިން އެއްވެސް ކަމަކަށް ރައީސް ޞާލިހު ޖާގަ ނުދެއްވުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. މިހާލަތުގައި ރައީސް ޔާމީންއާއި ބައިއަތު ހިފަންވީ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިއަދު ރައީސް ޞާލިހު އާއިއެކު ދެކޮޅަށް ރައީސް ޔާމީން އާއި ބައިވެރިވާންވީ ކީއްވެތޯ؟ ރައީސް ޔާމީން އަށް ކާކަށް އިންސާފު ހޯދައި ދެވިގެންތޯ؟ ރައީސް ޞާލިހު ގޯހެއްނޫން. އަނިޔާވެރިއެއްނޫން. ވައްކަމެއްނުކުރޭ. ކޯވިޑް ހާލަތުގައިވެސް ޕްރޮޖެކްޓްތައް ހިންގާ. ހަރުކަށި ފިކުރާއި އެއްކޮޅަށް ކީއްތޯ ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ؟ ކޮބާތޯ މައްސަލަައަކީ؟

– ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ އޭނާ އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ބަސްބުނެ އެކަން ކަމަށާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމަކީ އެމްޑީޕީކަމަށް ވުމުންކަމަށެވެ. ރައީސް ޔާމީނާއިއެކު އެމްޑީޕީގެ އެއްވެސް މެމްބަރަކު މިހާލަތުގައި ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީންއާއި އެކު މަސައްކަތް ކުރާކަށް ނެތީން. އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި އެކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން. ރައީސް ޔާމީން ވެރިކަން ކުރީ ހީކުރިވަރަށްވުރެވެސް އަނިޔާވެރިކޮށް. ވައްކަން ސާބިތުވެ ޖަލު ހުކުމުގައި ހުރީ.

– ރޮޒޭނާ ވިދާޅުވިއެވެ.

“ޖަޒީރާ” ވަޓްސް އަޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޖިހާދީ ފިކުރުގެ މީހުން ގިނަ އަދަދަކަށް ތިބިކަމަށެވެ. އެމީހުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ކަމަށާއި، ޓްރެނިން ހަދަމުންދަނީ ރާއްޖޭގެ ފަޅު ރަށްތަކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ބޭރުގެ އެޖެންސީތަކުން އެނގޭ ގޮތުގައި އެމީހުން ހަނގުރާމައަށް ތައްޔާރު ވަނީ. އަފްޣާނިސްތާނުން ޔޫއެސް ޓްރޫޕް ފައިބައި، އެތަންތަނަށް ދިޔާމަ، މިކޮޅާއި އެކޮޅު މާ ގުޅޭނެ. ރާއްޖޭގައި އެމީހުންގެ 1000 މީހުން އެބަތިބި. ފަޅުރަށަކަށް ގޮސް ތަމްރީންވަނީ. ކަންނެލި އޮޑިތަކުގައާއި، ޑިންގީ އަދި ލޯންޗު ފަހަރުގައި އުޅެނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިސާބަށް ކަންކަން ގޮސްފައިވާއިރު، ސަރުކަރުގެ ކޯލިޝަން ތެރޭގައިވެސް ތިބީ މިފަދަ ފިކުރުތަކަށް ތާއީދު ކުރާ މީހުންކަމަށެވެ. އެމީހުންނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށާއި، ދީނީ ގޮތުން މެދު މިނުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމީންއާއި، ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއްނެތް. ރައީސް ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން.

– ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ 6ވަނަ ދުވަހުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ބަލައި އަވަސް ފިޔަވަޅު ނާޅައިފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝިދު އަވަހާރަކޮއްލަން ދިން ހަމަލާއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދިމާވެފައި މިވަނީ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، މިފަހަރު އެމަނިކުފާނަށް ހަމަލާ އަމާޒުކުރިނަމަވެސް، އެފަދަ ހަމަލާތަކުގެ ސަބަބުން ޤައުމާއި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަފުރަތު
އަމައްޔާތް..! ރައީސް ޔާމީން އެބަ އުޅުއްވާތަ ކަލެއާއެކު މަސައްކަތްޕުޅު ކުރައްވާ ހިތުން "ސިކު" ވެގެން..! ސައިޒު އޮޅިގެން ނުތެޅި ހުރެބަލަ..!