ރާއްޖޭގައި މިދިޔަ އަހަރު ކޮށްފައިވާ ވަރީގެ ނިސްބަތް ވަރަށްބޮޑަށް ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ވަރި އިތުރުވުމުގެ މައްސަލައަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ބޮޑު މައްސަލައެކެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ނުވަތަ ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން ޢާއްމުކުރައްވާފައިވާ ގޮތުގައި 2018ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ވަރީގެ ނިސްބަތް މަތީގައި ހުރުމަށްފަހު 2020ވަނަ އަހަރު ރާއްޖޭގައި ވަރީގެ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ.
ތަފާސްހިސާބާ ބެހޭ އިދާރައިން ޢާއްމުކުރައްވާފައިވާ ގްރާފުތައް ދައްކާގޮތުން ރައްޖޭގައި 2020ވަނަ އަހަރު ކޮށްފައިވަނީ ގާތްގަނޑަކަށް 3000އެއްހައި ވަރިއެވެ. އަދި 2019ވަނަ އަހަރު 3500 އެއްހައި ވަރިކޮށްފައިވާކަމަށް ދައްކައެވެ. 2018ވަނަ އަހަރުގެ ޢަދަދުތައް ދައްކާގޮތުން 3200އެއްހައި ވަރިކޮށްފައިވެއެވެ.
މިއަހަރުގެ އާބާދީ ދުވަހާއި ގުޅިގެން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ބޭނުންނުވެ ނުވަތަ ފެމިލީ ޕްލޭންކުރުމަކާއި ނުލައި ޢުމުރުން 18 އަހަރުގައި %0.4 މީހުން ވަނީ މާބަނޑުވެފައެވެ. އަދި މިނިސްބަތް އުމުރުން 19 އަހަރުގެ އުމުރުފުރާގެ މީހުންގެ މެދުގައި އިތުރުވެފައިވާކަންވަނީ ފާހަގަވެފައެވެ. އެގޮތުން %7 މީހުން ބޭނުން ނުވެ މާބަނޑުވެފައިވާކަން ވަނީ ހާމަވެފައެވެ.
ރާއްޖޭގައި މާބަނޑު ދުވަސްވަރު ނިޔާވާ އަންހެނުން ނުވަތަ ވިހެމުގެ ތެރޭގައި ނިޔާވާ އަންހެނުންގެ ޢަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2017ވަނަ އަހަރު މިފަދަ 7 މަރު އަދި 2018ވަނަ އަހަރު 4 މަރު ވެފައިވާއިރު 2019ވަނަ އަހަރު މިފަދަ މަރެއް ރިކޯޑުވެފައިވާކަމަކަށް ތަފާސްހިސާބުތަކުން ނުދައްކައެވެ. އަދި މިދިޔަ އަހަރު މިފަދަ 2 މަރެއް ރެކޯޑުކުރެވިފައިވެއެވެ.
ކޯވިޑްގެ ސަބަބުން 2020ވަނަ އަހަރުގެ ތަފާސްހިސާބުތައް އެއްކުރުމާއި މަޢުލޫމާތު ވެރިފައި ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެމަސައްކަތް ކުރުމަށްފަހު މިހާރު ޢާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ޢަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް ތަފާސްހިސާބާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީއަކީ 568362އެވެ. މީގެތެރެއިން 385696 އަކީ ދިވެހިންނެވެ. އަދި 182666 އަކީ ބިދޭސީންނެވެ. އަދި ރާއްޖޭގެ އާބާދީގެ %48އަކީ އަންހެނުންނެވެ.